ޒީނަތްތެރި ވުމަށްޓަކައި އަހަރުމެން ބާޒާރުގައި ވިއްކަން ހުންނަ އެކި އުފެއްދުންތައް ބޭނުން ކުރަމެވެ. އެއީ ސިއްހަތަށާއި ހަންގަނޑަށް ގެއްލުންހުރި މާއްދާތައް އެކުލެވޭ އުފެއްދުންތައް ވިޔަސްމެ އެވެ. އެހެން ނަމަވެސް އޮތް އުފާވެރި ހަބަރަކީ ޒީނަތްތެރިވުމުގެ އެކި ކަންކަމަށް ގުދުރަތީ ހައްލުތައް އޮތް ކަމެވެ.

އިސްތަށިގަނޑުގެ ރީތިކަމަށް

ދޮންކެޔޮ ވަކަކާއި ބިހެއް ރަނގަޅަށް އެއްކޮށްލައްވާށެވެ. އެއަށް ފަހު މުޅިއިސްތަށިގަނޑުގައި މިޕޭސްޓް އުނގުޅާލައްވާފައި 10-30މިނިޓަށް ބަހައްޓަވާށެވެ. އާދައިގެ މަތިން ބޯދޮންނަ ގޮތަށް ބޯދޮވެލާށެވެ. މިޕޭސްޓް ބޭނުންކުރުމަށްފަހު އިސްތަށިގަނޑު ކޮންޑިޝަން ކުރައްވަން ބޭނުންފުޅުނަމަ ކޮންޑިޝަން ކޮށްލުމުން އިސްތަށިގަނޑު އިތުރަށް ރީތިވާނެ އެވެ.

ނިޔަފަތިތަކަށް

ހުރިހާނިޔަފަތި ތަކުގައި އޮލިވް އޮއިލް ހާކާލައްވާށެވެ. އެޔަށްފަހު ފަސް މިނެޓް ވަންދެން ބަހައްޓަވާފައި ދޮވެލާށެވެ. ނިޔަފަތިތަކުގައިވާ ކަޅުކަމާއި ރީނދުކަން ފިލާފާނެ އެވެ.

ކަކުލާއި އުޅަނބޮއްޓަށް

އޮރެންޖްއެއް ދެފަޅި ކުރުމަށްފަހު ކަކުލާއި އުޅަނބޮށީގައި އުނގުޅާލާށެވެ. އޮރެންޖަކީ ގިނައަދަދަކަށް ވިޓަމިން ސީ އެކުލެވޭމޭވާޔަކަށް ވުމުން ހަނގަޑުގެ ކުރަކިކަންފިލާ ހަންގަނޑު ރީތިކޮށްދެ އެވެ.

ގުދުރަތީ ޝޭވިން ކްރީމެއް

އަތާއި ފައި ޝޭވްކުރުމުގެ ކުރީން ކާށިތެޔޮ ފޮދެއް އުނގުޅާލާފައި ޝޭވް ކޮށްލުމުން ހަންގަނޑު ކުރަކި ވުމުގެ ފުރުސަތު ކުޑަވުމުގެ އިތުރުން، އޮމާންކޮށް ޝޭވް ކުރުމަށް މަގުފަހިކޮށްދެ އެވެ.