ރެއިން އަލިވެ ފަތިސްވާއިރު ވެސް ނުނިދި ދެ ފަރާތަށް ފުރޮޅިލަ އޮންނަން ޖެހޭ ހެއްޔެވެ؟ އަނެއް ދުވަހުގެ މަސައްކަތާ ކުރިމަތިލާއިރު ހަމަނިދި ނުލިބޭ ހެއްޔެވެ؟ މިކަން މިހެން ވަނީ ތިޔަ ބޭނުން ކުރެވޭ ބާލީހަކުން ކަމުގައި ވެދާނެ އެވެ.
ނިދަން ބޭނުންކުރާ ބާލީހާއި ގޮދަޑިއާމެދު ވިސްނާލަނީ މަދު ބައެކެވެ. އެހެން ނަމަވެސް ހަގީގަތަކީ މިއީ ރަނގަޅު ނިންޖަކަށް ވަރަށް މުހިއްމު ކަމެއް ކަމެވެ.
ދުވަސްވެ ދެފުށް ޖެހިފައިވާ ގޮދަޑިއާއި ބާލީސް ނިދަން ބޭނުން ކުރާނަމަ މައިބަދަގައި ރިހުން އިތުރުވެ ކަަރަށް ވެސް ނާރު އަރާ ގޮތްވެ އެވެ.
އޭގެ އިތުރުން މާހިރުން ބުނާ ގޮތުގައި ބޮލާއި ހަށިގަނޑުގެ ތަދުތަކަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ އެމީހަކާއި އެންމެ ގުޅޭ ބާލީހެއް ނިދާއިރު ބޭނުން ކުރުމެވެ.
އެގޮތުން ބަންޑުން އޮވެ ނިދާއިރު ގުގުރިދަމާ މީހުންނަށް އެންމެ ރަނގަޅީ މަޑު ތުނި ބާލީހެކެވެ. އަރިއަކަށް އޮވެ ނިދާނަމަ ބޭނުންކުރާ ބާލީހަކީ ބޮލާއި ކަނދުރާ އާއި ދޭތެރޭގައި ހުންނަ ހުސް ޖާގައަށް ރަނގަޅަށް ވަންނަ ކަހަލަ ބާލީހަކަށް ވާންޖެހެ އެވެ.
އެހެންކަމުން ހަމަ ނިދި ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ނަމަ ނިދަން ބޭނުންކުރާ ބާލީސް ބަދަލުކޮށްގެން ލުއެއް ލިބޭތޯ ބަލާލުން ރަނގަޅުވާނެ އެވެ.