ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމަށް ބޭނުންވާ ސިޔާސަތުތައް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުހައްމަދު މުޢިއްޒު ކަނޑައަޅުއްވައިފި އެވެ. ރައީސް މުއިއްޒު މި ސިޔާސަތުތައް ކަނޑައެޅުއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ.

ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި ބޭސް ގަތުމަށް 'ބަލްކް ޕްރޮކިއުމަންޓް ނިޒާމު' ފުޅާކުރުމުގެ ގޮތުން އަސާސީ ބޭސް ގަނޑުކޮށް ގަތުމަށް ނިންމެވުން ހިމެނެ އެވެ. އަދި މި ނިޒާމުގެ ތެރެއިން، ސަރުކާރުން އަސާސީ ބޭސް މެދުނުކެނޑި ފޯރުކޮށްދިނުމަށް ހަވާލުކުރައްވާފައިވާ ކުންފުނިކަމުގައިވާ އެސްޓީއޯ އިން، ސިއްހީ ހިދުމަތްދޭ ހުރިހާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކަކުންނާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ބޭސްފިހާރަތަކުން މި ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށްވެސް ނިންމި އެވެ.

އަދި މި ނިޒާމަށް ބޭނުންވާ، ކަނޑައެޅިފައިވާ މިންގަޑުތަކަށް ފެތޭ ބޭސް ރައްކާކުރާ ގުދަންތައް ގާއިމުކުރުމާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މި ގުދަންތައް ސެންޓްރަލީ މޮނިޓަރ ކުރާނެ ނިޒާމެއް ގާއިމުކުރުމަށްވެސް މިއަދު ނިންމިއެވެ..

އަދި ބޭހެއް އުފެއްދުމަށް ބޭނުންކޮށްފައިވާ އެކިއެކި މާއްދާތަކުގެ މިންވަރު (ކުއަންޓިޓީ) ދެނެގަތުމަށް ކުރަންޖެހޭ ތަހުލީލުތައް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި ބޭހުގެ ފެންވަރު ކަށަވަރުކޮށް އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި ގާބިލުކަން އިތުރުކޮށް، އިންސާނީ ވަސީލަތް އިތުރުކޮށް ތަރައްޤީކުރުމަށްވެސް ވަޒީރުންގެ މަޖީލިހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވެއެވެ.