ދިރިއުޅުމުގައި ބޭނުންވާ ހުރިހާ ކަމެއް ނުވާ ފަހަރު އާދެ އެވެ. ހުވަފެންތައް ހާސިލް ކުރުމަށްޓަކައި ބައެއް ކަންކަން ގުރުބާން ކުރަންޖެހޭ ފަހަރުވެސް އާދެ އެވެ. ބޮލީވުޑްގެ މަޝްހޫރު ތަރި ވިކީ ކައުޝަލްގެ ހަޔާތަކީ ވެސް މިފަދަ މިސާލެކެވެ.

ބޮލީވުޑުގައި ފައިތިލަ ސާބިތުކުރުމުގެ ކުރިން ވިކީ އަކީ ރާޖީވް ގާންދީ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ގައި ތައުލީމު ހާސިލްކުރަމުން ދިޔަ ދަރިވަރެކެވެ.

އިންޖިއަނިއިން ކިޔަވާ ގިނަ ދަރިވަރުން ފަދައިން ކޮލެޖްގެ ފަރާތުން ވިކީ ވެސް ގެންދިޔައީ އިންޑަސްޓްރިއަލް ވިޒިޓް އަކަށެވެ. އެއީ ޑިގްރީ ނިންމުމަށް ފަހު ދަރިވަރުން އަމަލީ މަސައްކަތް ކުރާ ގޮތް ދައްކާލުމަށް އިންޑަސްޓްރީތަކަށް ކުރާ ދަތުރެކެވެ.

މި ދަތުރު ވެގެން ދިޔައީ ވިކީގެ ލޯ ހުޅުވިގެން ދިޔަ ދަތުރަކަށެވެ. އިންޖިނިއަރިން މަސައްކަތަށް ހަގީގަތުގައި އޭނާ ޝައުގުވެރިކަން ނުހުންނަ ކަމާ އެއީ މަސައްކަތް ކުރަން ބޭނުން ވެސް ނުވާ ދާއިރާއެއްކަން އަމިއްލައަށް ވިސްނުނީ އެހިސާބުންނެވެ.

އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ވިކީ ބުނީ އެ ދަތުރުގައި ބައްދަލލުވި ގިނަ މީހުން ކޮމްޕިއުޓަރެއްގެ ފަހަތުގައި އެތައް ގަޑިއިރަކު މަސައްކަތްކުރަން ތިބޭތަން ފެނުނު ކަމަށާއި އެއީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ކޯސް ފުރިހަމަ ކުރި ކަމަށް ވިކީ ބުންޏެވެ.

ވިކީ އިތުރަށް ބުނި ގޮތުގައި އޭނާގެ ނިންމުން ނިންމުމަށް ފަހު، ފަސް އެނބުރި ފަހަތަށް ނުބަލަ އެވެ.

"އަހަރެން ފިލްމީ ދާއިރާގައި ސްޓްރަގްލް ކުރި އިރުވެސް ހިތަކަށް ނާރާ މިކަން ނުކޮށް އިންޖިނިއަރިން ދާއިރާއަށް ނުކުމެވުނު ނަމައޭ. އަހަންނަށް އެނގޭ އެއީ އަހަރެންގެ ދިރިއުޅުމެއް ނޫން ކަން. އެ ދިރިއުޅުމުގައި އަހަންނަށް ކެތެއް ނުކުރެވޭނެ. ފިލްމި ދާއިރާގައި މަސައްކަތް ހޯދަން އުޅުމަކީ ވެސް އަހަންނަށް ޝައުގުވެރި ކަމެއް. އޭރުވެސް އެނގޭ މިއީ ކަން އަހަރެން ކުރަން ބޭނުންވާ ކަމަކީ،" ވިކީ ބުންޏެވެ.