މިދިިޔަ ބުދަ ދުވަހު ގަލޮޅު ދަނޑުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަ ހެންވޭރު ސްޕޯޓްސް ކްލަބް ބައްދަލުކުރި ދެވަނަ ޑިވިޝަންގެ ކްއާޓާ ފައިނަލް މެޗުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

މީގެ ކުރިން ވެސް މި މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އެ ހަމަލާއާ ގުޅިގެން މިފަހަރު ހައްޔަރުކޮށްފައިވަނީ، ރުވާގުގެ، ރ. މަޑުއްވަރި، އިބްރާހިމް ނުއައިމް ޝަރުމީލް، 19, އެވެ. އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ދީފަ އެވެ.

އޭނާގެ މައްޗަށް ފުލުހުން ކުރަނީ، މާރާމާރީގައި ބައިވެރިވުމުގެ ތުހުމަތެވެ.

މާރާމާރީ ހިނގީ ދެވަނަ ޑިވިޝަނުގެ ކުއާޓަ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑާއި ވިކްޓްރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި ދެ ޓީމުގެ ދެ ކުޅުންތެރިއެއްގެ ދެމެދު ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ. އެގޮތުން އެ މެޗުގެ 81 މިނެޓުގައި ކުޅުން ހުއްޓައިލި އެވެ.

އޭގެފަހުން ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ބައެއް ސަޕޯޓަރުން ދަނޑަށް އަރައި ވަނީ ހަމަނުޖެހުން ހިންގައިފަ އެވެ.

މި މައްސަލާގައި މީގެކުރިން ހައްޔަރުކުރީ 21 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެކެވެ. ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ. މި އެންމެންގެ މައްޗަށް ވެސް ކުރަނީ މާރާމާރީ ހިންގުމާއި ބިރުދެއްކުމާއި އިންޒާރު ދިނުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގިކަމުގެ ތުހުމަތެވެ.