'ސަންޝައިން' ވިޓަމިންގެ ނަމުން މަޝްހޫރުވެފައިވާ ވިޓަމިން ޑީއަކީ ކުޑަ ކުދިންގެ ސިއްޙަތު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށްޓަކައި ވަރަށް މުހިންމު ވިޓަމިން އެކެވެ.
ދަރިފުޅަށް ވިޓަމިން ޑީ ބޭނުންވަނީ ކީއްވެ؟
އެއީ ވިޓަމިން ޑީއާއި ނުލައި، ދަރިފުޅުގެ ހަށިގަނޑަށް ކަށިތަކަށާއި ސެލްސްތަކަށް ކެލްސިއަމް އެއްވެސް ވަރަކަށް ނަގައި ނުދެވޭނެތީ އެވެ. އޭގެ ސަބަބުން ރިކެޓްސް ކިޔާ ބައްޔެއް ޖެހި، ދާއިމީކޮށް ކުދިންގެ ކަށިތަކަށް ގެއްލުންވެ، މަސްތައް ބަލިކަށިވެ އަދި ހެދިބޮޑުވުން ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ.
ވިޓަމިން ޑީ ލިބޭ ބާވަތްތައް
ސެލްމަން، ރެހި، ސާޑައިން އަދި ތާޒާ ކަންނެލި އަދި ތެލުލި މަހުގައިވެސް ވިޓަމިން ޑީ ހުރެއެވެ. އަދި ރަތް ކުލައިގެ އެއްގަމު މަހުގައިއާއި، ބިހުގެ ގޮބޮޅި، މަޝްރޫމް، ސީރިއަލް އަދި ބައެއް ވައްތަރުގެ ކިރުގައިވެސް ވިޓަމިން ޑީ އެކުލެވިގެންވެ އެވެ. އެހެންނަމަވެސް، ހަމައެކަނި ކާ ކެއުމުން ދުވާލަކަށް ވިޓަމިން ޑީ ބޭނުންވާ މިންވަރު ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ.
ދަރިފުޅަށް ވިޓަމިން ޑީ ބޭނުންވަނީ ކިހާ މިންވަރަކަށް؟ދާދިފަހުން ވިޓަމިން ޑީ ހަށިގަނޑަށް ބޭނުންވާ މިންވަރު ވަނީ ބަދަލުވެފަ އެވެ. މިހާރު މާހިރުން ލަފާއަރުވާ ގޮތުގައި އެއް އަހަރުން މަތީގެ ހުރިހާ ކުދިންނަށްވެސް 10 މައިކްރޯގްރާމް ވިޓަމިން ޑީ ހުންނަ ކާއެއްޗެހި ކޮންމެ ދުވަހަކު ދޭންޖެހެ އެވެ. އަދި ޚާއްސަކޮށް ފިނި މޫސުމުގައި މިކަމަށް ސަމާލުވާން ވާނެ އެވެ.
އެއް އަހަރުން ދަށުގެ ކުޑަކުދިންނަށް 8.5 އާއި 10 މައިކްރޯގްރާމްއާއި ދެމެދުގެ އަދަދަކަށް ވިޓަމިން ޑީ ލިބެންޖެހެ އެވެ. އެއީ 500 އެމްއެލްއަށްވުރެ ގިނައިން ފޯމިއުލާ ކިރު ބޭނުންނުކުރާ ނަމަ އެވެ.