ސޯޝަލް މީޑިއާގެ ޒުވާބުތައް ހޫނުވެ، ބައެއް ފަހަރު މީހުން ބްލޮކް ކޮށްލުމަކީ ހިނގާ ކަމެކެވެ. ބައެއް ފަހަރު ފޭކް ނަންނަމުގައި އެކައުންޓް ހަދައިގެން މީހުންނަށް ޖެއްސުން ކުރުމުންނެވެ. އަނެއްބައި ފަހަރު އަންނަ ރުޅިވެރިކަމެއްގައި ބްލޮކްކޮށްލަނީ އެވެ. ޓުވިޓާގައި މަޝްހޫރު ކޮންމެވެސް ބޭފުޅަކު މިފަދަ ކަންކަމުގައި މީހުން ބްލޮކް ނުކުރާ ދުވަހެއް މަދުވާނެ އެވެ. އާންމުކޮށް މިގޮތަށް މީހުން ބްލޮކް ކުރުމުން އޭގެ ސްކްރީން ޝޮޓެއް ނަގައިގެން އިތުރަށް ޖެއްސުން ކުރާނީ އެވެ.

މިފަހަރު ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމެވެ. ޓްވިޓާއިން އޭނާ ބްލޮކް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރުގެ އެކައުންޓެވެ. އެހެނަސް، ރައްދުގައި މޫސަ އަމަލު ކުރި ގޮތް ވަރަށް ތަފާތެވެ. އޭނާ ޝަމީމަށް ދެއްވީ "ގާނޫނީ" އިންޒާރެކެވެ.

މޫސަ ކުރެއްވި ޓުވީޓެއްގައިވަނީ އޭނާ ބްލޮކް ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ޝަމީމްގެ ޓުވިޓާއިން އޭނާ އަން ބްލޮކް ނުކޮށްފި ނަމަ އަން ބްލޮކް ކުރުމުގެ އަމުރަކަށް އެދި ޝަމީމާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށެވެ. މޫސަގެ އެ ޓުވީޓް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ރަސްމީ ޓްވިޓާ އެކައުންޓް ޓެގްކޮށް، އެ އޮފީހަށް ކޮޕީ ކޮށްފައިވެ އެވެ.

މޫސާ އަންވަރަކީ ގިނަ މައްސަލަތަކެއް ކޯޓަށް ހުށަހެޅުމުގެ ރެކޯޑް އޮންނަ ބޭފުޅެކެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުހައްމަދު ނަޝީދަށް ވާދަ ނުކުރެއްވޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ވަޑައިގަތީ މޫސަ އެވެ. އެއްވެ އުޅުމުގެ މިނިވަންކަމުގެ ގަވާއިދުން އަސާސީ ހައްގުތަކެއް ހަނިވާ ކަމަށް ބުނެ ހައި ކޯޓަށް ވަޑައިގެން، އޭގެ ތެރެއިން އެއް ބައި ކާމިޔާބު ކުރެއްވި އެވެ.

ކައުންސިލް އިންތިޚާބުގައި ހޮވަންޖެހޭ އަދަދަށް ވުރެ މަދު ކެންޑިޑޭޓުންނަށް ދޭ ވޯޓުތައް ބާތިލްވާ ގޮތަށް ގާނޫނުގައި އޮތް ބައި ސުޕްރީމް ކޯޓުން ބާތިލްކުރީ ވެސް އޭނާ ހުށަހެޅި ދުސްތޫރީ މައްސަލައެއްގަ އެވެ. އަންހެނުންނަށް ކައުންސިލްތަކުން 33 ޕަސެންޓް ގޮނޑި ޚާއްސަ ކުރުމާ ދެކޮޅަށް ހައި ކޯޓަށް ވަޑައިގަތީ ވެސް އޭނާ އެވެ. އެ މައްސަލަ ހައި ކޯޓުން ނާކާމިޔާބުވުމުން ސުޕްރީމް ކޯޓަށް ދާން އޭނާ މިހާރު ދަނީ ތައްޔާރުވަމުންނެވެ.