މިހާތަނަށް ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންނަށް ވުރެ، ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު އިތުރުވެއްޖެ އެވެ.

އެޗްޕީއޭ އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދުގެ ނިޔަލަށް ރާއްޖޭގައި ވަނީ 20،161 މީހަކަށް ވެކްސިން ދީފަ އެވެ.

އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ވެކްސިން ޖަހާފައި ވަނީ ޖުމްލަ 3،910 މީހުންނެވެ. އޭގެތެރެއިން 3،285 މީހުންނަކީ މާލެއިން ވެކްސިން ޖެހި މީހުންނެވެ. ބާކީ 625 މީހުންނަކީ އަތޮޅުތެރެއިން ވެކްސިން ޖެހި މީހުންނެވެ.

މިހާތަނަށް މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ 16،703 އެވެ. އަދި އަތޮޅުތަކުން ވެކްސިން ޖެހި ޖުމްލަ އަކީ 3،458 އެވެ.

މިއަދު އިތުރު 100 މީހަކު ކޮވިޑަށް ޕޮޒިޓިވވެފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 75 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 10 މީހަކާއި އޮޕަރޭޓް ކުރާ ރިސޯޓްތަކުން ޕޮޒިޓިވްވި 15 މީހެކެވެ.

މި ބައްޔަށް ޕޮޒިޓިވްވި ކޭސްތަކުގެ ޖުމްލަ އަދަދަކީ 17،201 އެވެ. އަދި 14،978 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.

މި ބަލީގެ އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދަކީ 2،160 އެވެ. އޭގެތެރެއިން 214 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އެބަދެއެވެ.

މި ބަލީގައި މިހާތަނަށް 56 މީހަކު ވަނީ މަރުވެފަ އެވެ.