އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން މެންޗެސްޓާ ސިޓީ އާއި އެވަޓަން ޖާގަ ރޭ ހޯދައިފި އެވެ.
މުބާރާތުގެ ފަސް ވަނަ ބުރުގައި ރޭ ސްވަންސީ ސިޓީ އަތުން ސިޓީ ރަށުން ބޭރުގައި މޮޅުވީ 3-1 އިންނެވެ. ސިޓީ އަށް ލަނޑު ޖަހައިދިނީ ކައިލް ވޯކާ، ރަހީމް ސްޓާލިން އަދި ގެބްރިއަލް ޖީސަސް އެވެ. ސްވަންސީގެ ހަމައެކަނި ލަނޑު ޖެހީ މޯގަން ވިޓާކާ އެވެ.
މި މޮޅާއެކު، ސިޓީން ވަނީ ޖެހިޖެހިގެން 14 މޮޅު ހަމަކޮށްފަ އެވެ. އަދި މި މޮޅާއެކު ސިޓީން ވަނީ އިނގިރޭސި ފުރަތަމަ ޑިވިޝަންގެ ކްލަބެއް ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުގެ ރެކޯޑް މުގުރާލައިފަ އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޖެހިޖެހިގެން 14 މެޗުން މޮޅުވެ، ރެކޯޑް މުގުރާލެވުމަކީ ފާާހަގަކުރަންޖެހޭ ކަމެއް ކަމަށެވެ.
"އަދުގެ ފުޓްބޯޅައިގައި މި އޮތް ވާދަވެރިކަމަށް ބަލާއިރު، މި ފަދަ ރެކޯޑެއް މުގުރާލުމަކީ ފާހަގަކުރަންޖެހޭ ކަމެއް. ސިީޓީގައި މިހާރު ތިބި ކުޅުންތެރިން މި ކުރާ މަސައްކަތް މި ފަދަ ކަންކަމުން ވަރަށް ރަނގަަޅަށް އެބަ ފެނޭ،" ގާޑިއޯލާ ބުންޏެވެ.
މުބާރާތުގެ ފަސް ވަނަ ބުރުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ އަތުން އެވަޓަން ކުރި ހޯދީ 5-4 އިންނެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު ފޯރި ގަދަ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 4-4 އިން އެއްވަރުވެފަ އެވެ. ޓޮޓެންހަމްގެ ޑެވިންސަން ސަންޗޭޒް ދެ ލަނޑު ޖެހިއިރު، ހެރީ ކޭން އާއި އެރިކް ލަމޭލާ ވެސް ލަނޑު ޖެހި އެވެ. އެވަޓަން ރިޗާލިސަން ދެ ލަނޑު ޖެހއިރު، ޑޮމިނިކް ކެލްވާޓް ލުވިން އާއި ގިލްފީ ސިގާޑްސަން ވެސް ވަނީ ލަނޑު ޖަހައިފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގައި، އެވަޓަން އަށް ކުރި ލިބުނީ ބްރެޒިލްގެ މިޑްފީލްޑަރ ބެނާޑް ޖެހި ލަނޑުންނެވެ.
މެޗަށް ފަހު އެވަޓަންގެ އެސިސްޓަންޓް ކޯޗު ޑަންކަން ފާގަސަން ބުނީ އެފްއޭ ކަޕް ކާމިޔާބުކުރުަމަކީ އެވަޓަންގެ އަމާޒެއް ކަމަށެވެ.
"އެފްއޭ ކަޕް އަހަރަމެންނަށް އެންމެ ފަހުން ލިބުނުތާ މިހާރު 25 އަހަރުވެއްޖެ. މި ފަހަރު ފައިނަލަށް ދެވިއްޖެއްޔާ އެއީ މި ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަހަރަމެން ބޭނުން ޕްރިމިއަރ ލީގުގައި ރަނގަޅު ނަތީޖާ ހޯދަން، އެކަމަކު އެފްއޭ ކަޕް އަހަރެމެންނަށް ވަރަށް މުހިންމު،" ފާގަސަން ބުންޏެވެ. – ބީބީސީ