ކޮންމެ ގައުމަކާއި މުޖުތަމައުއަކަށް ރޯދަ މަހުގެ ތަޖުރިބާ ތަފާތުވާނެ އެވެ. ބައެއް ގައުމުތަކުގައި ރެއަކާދުވާލުގެ ބޮޑު ބައެއް ރޯދަ ހިފުމުގައި ހޭދަކުރަން ޖެހޭއިރު ބައެއް ގައުމުތަކުގައި ރޯދައަށް ހުންނަން ޖެހޭ ވަގުތާއި އެނޫން ވަގުތު އެއްވަރެވެ. މިލިޔުމުގައި މި ބަލާލަަނީ މި ރޯދަ މަހު އެންމެ ތަފާތު ތަޖުރިބާތަކެއް ކުރެވޭނެ ސަރަހައްދުތަކަށެވެ.

ގްރީންލޭންޑް - އެންމެ ދިގު ރޯދަ

ރެއަކާދުވާލުގެ 24 ގަޑިއިރުގެ ތެރެއިން 20 ގަޑިއިރު ރޯދައަށް ހުންނަން ޖެހޭ ހުރުމުގެ އިހުސާސް ކުރެވޭ ހެއްޔެވެ؟ މިއީ ގްރީންލޭންޑްގެ ސަރަހައްދެއް ކަމަށްވާ ނޫކްގައި ދިރިއުޅޭ ރައްޔިތުންގެ ރޯދަ މަހުގެ ތަޖުރިބާ އެވެ. އެ މީހުންނަށް އިރުއޮއްސެނީ ރޭގަނޑު 10 ގެ ވެސް ފަހުންނެވެ.

ދެކުނު އެފްރިކާ - އެންމެ ކުރު ރޯދަ

މިއީ ހަމަ ކޮންމެ މީހަކު ވެސް ރޯދަ މަސް ހޭދަކުރަން ބޭނުންވާނެ ތަނެކެވެ. ދެކުނު އެފްރިކާގެ ޖޮހަނާސްބާގްގައި ރޯދައަށް ހުންނަން ޖެހެނީ ގާތްގަނޑަކަށް 11 ގަޑިއިރެވެ. އެގައުމުގައި ދުވާލާއި ރޭގަނޑުގެ ދިގުމިން ގާތްގަނޑަކަށް އެއްވަރެވެ.

އެންޓާކްޓިކާ - އެންމެ ފިނިގަދަ ރޯދަ މަސް

ރޯދަ މަހު އެންމެ ފިނިގަދަ ހިސާބެއްގެ ގޮތުގައި އޮތީ އެންޓާކްޓިކާ އެވެ. މައިނަސް 48 ޑިގްރީ ސެލްސިއަސްގައި އެތަނުގެ ފިނިހޫނުމިން ހުރިއިރު އެންޓާކްޓިކާގައި ހަރަކާތަތްތެރިވާ މުސްލިމް ސައިންސްވެރިންގެ ތަޖުރިބާ ވަރަށް ވެސް ތަފާތުވާނެ އެވެ.

މާލީ - އެންމެ ހޫނުގަދަ ރޯދަ މަސް

ރޯދަ މަހުގެ ދުވާލުގެ ވަގުތުތަކުގައި މާލީގެ މަގުތައް ފަޅުވާނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. 37 ޑިގްރީ ސެލްސިއަސްގެ ހޫނުމިނާއެކު އެ ގައުމު ވެފައިވަނީ އެންމެ ހޫނުގަދަ ގައުމަށެވެ.

ބޮލީވިއާ - އެންމެ އެކަނިވެރި ރޯދަ މަސް

ރޯދަމަހަކީ ޖަމާއަތްތަކުގައި ރޯދަވީއްލުމާއި އެމަހެއްގެ އުފާ ފާޅުކުރަން ބޭނުންވާ މަހެކެވެ. ނަމަވެސް ބޮލީވިއާގެ މުސްލިމުންނަށް މި އުފާ އޮތީ ވަރަށް ކުޑަކޮށެވެ. މުޅި ބޮލީވިއާގެ މުސްލިމް އާބާދީއަކީ 2000 މީހުންނަށްވާއިރު އެ އެންމެންނަކީ ގައުމުގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މީހުންނެވެ.