ރައީސް ޔާމީން އަބްދުﷲ ޔާމީން މިނިވަންކުރުމަށް އަމިއްލަޔަށް ޖަލަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވިކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ބޭއްވި މުޒާހަރާގައި ވާހަކަ ދައްކަވަމުން އަދުރޭވަނީ ފަސް އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން މިނިވަންކުރެއްވުމަށް ވެސް ގޮވާލާފަ އެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރެއްވުމަށް އަމިއްލައަށް ޖަލަށްދާން ވެސް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފަ އެވެ.

އަދުރޭ މިހެން ވިދާޅުވީ ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރެވިފައި ހުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނުވެ ލިޔުމެއްގައި ސޮއިކޮށް ދޫކޮށްލުމުން، އަލީ ވަހީދު އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމުން އެކަމަށް ރިއާޔަތްކުރަމުންނެވެ.

"އަލީ ވަހީދު ދޫކޮށްލީ އަޑުބަރޭ ޒިންމާ ނަގާގޮތަށް ކަމަށް ވަންޏާ. އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު ގެންގޮސް ފަސް އަހަރު ދުވަހު ޖަލުގައި ބާއްވާފައި ރައީސް ޔާމީން ދޫކޮށްލާށޭ. އަޅުގަނޑު މިހުރީ މި ގައުމުގެ ހައްގުގައި ރައީސް ޔާމީން ދޫކޮށްލުމަށްޓަކައި އުމުރު ދުވަހު ޖަލުގައި އޮންނަން ޖެހުނަސް ޖަލުގައި އޮންނަން ތައްޔާރަށޭ،" އަދުރޭ ވިދާޅުވި އެވެ.

ރާއްޖޭގެ ކޮވީޑްގެ ހާލަތު މިހާ ގޯސްވެފައިވަނިކޮށް އިދިކޮޅުން މުޒާހަރާކުރަމުންދާތީ ޕީޕީއެމް އަދި ޕީއެންސީގެ ކޯލަޝަނަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.