ރާޖީވް ކަޕޫރުގެ މަރާއެކު ކަޕޫރު އާއިލާއަށް ލިބިގެންދިޔައީ ކުއްލި ސިހުމެކެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު ސިހުމެއް ލިބި އަސަރުކޮށްފައި ވަނީ ރާޖީވްއަށް ބޮޑުބޭބެ ކިޔާ ރަންބީރް ކަޕޫރަށެވެ.

އާއިލާގެ އެހެން މެންބަރުންނާ މާ ބޮޑު ގުޅުމެއް ނެތް ނަމަވެސް، ރާޖީވް އާއި ރަންބީރްގެ ގުޅުން ވަރަށް ރަނގަޅެވެ. އެގޮތުން ދެމީހުން ދިމާވާ ފަހަރު އެކަކު އަނެކަކުގެ ދިރިއުޅުމާ ގުޅޭ ގޮތުން ވާހަކަ ހިއްސާކޮށް ހަދަ އެވެ. އަދި ރާޖީވް ކަޕޫރު ވަނީ ރަންބީރްއަށް ވަރަށް އަގުބޮޑު ގަޑިއާއި އެހެނިހެން ތަކެތި ހަދިޔާކޮށްފަ އެވެ.

"ރަންބީރު އާއި ޗިމްޕޫ (ރާޖީވް ކަޕޫރު)ގެ ގުޅުން ވަރަށް ރަނގަޅުވާނެ. އެގޮތުން ރަންބީރު އޭނާގެ ބައްޕަ ޗިންޓޫޖީ (ރިޝީ ކަޕޫރު) އަށް ވުރެ ވެސް ބޮޑަށް ޗިންޕޫ އާއި ގާތްވާނެ. ރަންބީރު އާއި އޭނާގެ ބައްޕަ ގާތްވީ ހަގީގަތުގައި ބައްޕަ ބަލިވި ފަހުން. ރަންބީރު އާއި ޗިންޕޫ ދިމާވެއްޖެ ނަމަ ވަރަށް ވާހަކަ ދައްކާނެ. ޗިމްޕޫގެ މަތިން އެންމެ ބޮޑަށް ހަނދާންވާނީ ވެސް ރަންބީރު،" ކަޕޫރު އާއިލާއާ ގާތް މީހަކު "ބޮލީވުޑް ހަންގާމާ" އަށް މައުލޫމާތު ދެމުން ބުންޏެވެ.

ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެ މަރަށް އަހަރެއް ނުފުރެނީސް އެންމެ ލޯބިވާ ބޮޑުބޭބެ މަރުވުމުން ރަންބީރަށް ވަނީ ފުން އަސަރެއް ކޮށްފަ އެވެ.

ރިޕޯޓުތައް ބުނާގޮތުން ރާޖީވް ކަޕޫރާއި ރަންބީރުގެ ލޯބިވެރިޔާ އާލިޔާ ބަޓާ ދެމެދު ވެސް ގާތް ގުޅުމެއް އޮވެ އެވެ.

ރާޖީވް މަރުވި އިރު އާލިޔާ ހުރީ އޭނާގެ ރަހުމަތްތެރިންނާއި އެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގަ އެވެ. އެ ހަބަރާއެކު އޭނާ ވަނީ ޗުއްޓީ ކުރުކޮށްލުމަށް ފަހު އެނބުރި އިންޑިއާއަށް ގޮސްފަ އެވެ.