އެކި ކުދިން ފިލާވަޅު ދަސްކުރަނީ އެކި ގޮތަށެވެ. ބައެއް ކުދިންނަކީ ފިލާވަޅު ކިޔަވައިދޭ ގަޑީގައި އަޑުއަހައިން ދަސްކުރާކުދިންނެވެ. އަނެއް ކުދިންނަކީ ކިޔައިދޭ އެއްޗެއް އެއްފަހަރުން ނަގައިގަންނަށް އުނދަގޫ ކުދިންނެވެ. އެހެން ކަމުން އިމްތިހާނެއް ކައިރިވެގެން އަންނައިރު އެ އިމްތިހާނަކަށް ތައްޔާރު ވުމުގެ ގޮތުން ކުރުން މުހިއްމު ކަންތައްތަކެއްވެ އެވެ.
އެގޮތުން ސްކޫލަށް އިމްތިހާނަކަށް ތައްޔާރު ވަމުން ދާއިރު ކުރެވޭ ނާސްތާއަކީ ފައިދާހުރި ނާސްތާއަކަށް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން އާދައިގެ ޔޯގަޓް، އާފަލު، ކޯންފުލެކްސް (އޮރިޖިނަލް)، ދޮންކެޔޮ، ބިސް އަދި ކިރުތަށި ފަދަ ކާނާ އަކީ ހެނދުނުގެ ނާސްތާއަށް ދެވިދާނެ އެއްޗެއްސެވެ. ޕޮރޮޓީން ގިނައިން ލިބިދޭ ކާނާ ހެނދުނު ކެއުމަކީ ހަށިގަނޑު ވަރުބަލިވުމުން ދުރުކޮށްދޭ ކަމެކެވެ.
މެންދުރުގެ ކެއުމެއްގެ ގޮތުގައި ހަކުރު މަދުން ހުންނަ ތަރުކާރީ ރިހައެއް ނުވަތަ ތަރުކާރީ މަޑުކޮށްލާފައި އަދި އެއާއިއެކު ފައިދާ ހުރި ޖޫހެއް ރަނގަޅުވާނެ އެވެ. އަދި އެހެންމެ ރޭގަނޑުގެ ކެއުން އަވަސްކޮށް ރޭގަނޑު މަސްދަޅާއި ބަތް އަދި އެއާއި އެކު ތަރުކާރީ ކޮޅެއް ނުވަތަ ތަރުކާރީ ގިނަ ޕާސްތާ ކަހަލަ ލުއި ކާނާއެއްވެސް ކެއުން ރަނގަޅު ވާނެ އެވެ. އަދި ނިދުމުގެ ކުރިން ކިރު ތަށްޓެއް ބޯލާށެވެ.
އިމްތިހާނު ދުވަސްވަރު އެކަށީގެންވާ ވަރަށް ނިދުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން 8 ގަޑިއިރުގެ ނިދި ވަރަށް މުހިއްމެވެ. ނިދި މަދުވުމުގެ ސަބަބުން ބޮލުގައި ރިހުން ފަދަ ކަންކަން ދިމާވެ، ކަންކަމަށް ސަމާލުކަން ދިނުމަށް ދަތިވެ އެވެ. ބައެއް ދަރިވަރުން އިމްތިހާނުގެ ހާސްކަމުގައި ފޮތް ކިޔަން ވަރަށް ދަން ވަންދެން ތިބެ އެވެ. އޭގެ ބަދަލުގައި އަވަހަށް ނިދުމަށްފަހު ފަތިހު ހޭލަން އާދަ ކުރާށެވެ. ފަތިހު ފަތިސް ނަމާދަށްފަހު ފޮތް ކިޔުމުން ދަސްވުމަށް ފަސޭހަވެ އެވެ.
ފެނަކީ ހަށިގަނޑުގެ ގިނަ ކެމިކަލް ތަކެއް އެއް ވަރެއްގައި ހިފަހައްޓައި ދިނުމަށާއި ސިކުނޑީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެހީވެދޭ އެއްޗެކެވެ. އިމްތިހާނަށް ތައްޔާރުވާއިރު ފެނަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެގޮތުން ހަށިގަނޑަށް އެކަށީގެންވާ ވަރަށް ފެން ނުލިބޭނަމަ ބޯ އެނބުރުން ނުވަތަ ގައިގަ ރިއްސުންފަދަ ކަންތައް ދިމާވެއެވެ. އެހެންކަމުން ކޮންމެ ދުވަހަކު ހާއްސަކޮށް އިމްތިހާނުގެ ދުވަސްވަރު ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބޯން އާދަ ކުރާށެވެ.
ކުރިއަށް އޮތް ހަފްތާއަކީ ރާއްޖޭގެ ސްކޫލުތަކުގައި މިއަހަރުގެ ދެވަނަ ޓާމް އިމްތިހާނު ކުރިއަށްދާ ހަފްތާއަށް ވުމާއެކު މިގޮތުގެ މަތިން އަމަލު ކުރުމުން ދަރިވަރުންގެ އިމްތިހާނުތަކުގައި މަސައްކަތް ކުރެވޭ މިންވަރު ރަނގަޅުވެ ނަތީޖާ ރަނގަޅުވުމަށް މަގުފަހިވާނެ އެވެ.