އިންތިހާބީ ފައިދާއަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން އާންމު ވެފައިވާ ކަމަށް ބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އަންނަ އަދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ހަދާފައިވާ ޕްރީ-އިލެކްޝަން އެސެސްމަންޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ޖަމިއްޔާ އިން ހެދި ދިރާސާގައި ބައިވެރިވި ހުރިހާ ކެންޑިޑޭޓުން ވެސް މަޖިލިސް އިންތިހާބުގައި ވޯޓު ގަތުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ވެސް ފާހަގަވަމުން އަންނަ ކަމަށެވެ. އެގޮތުން ކެމްޕޭނާ ދިމާކޮށް މަޝްރޫއުތައް ފެށުން ފާހަގަވެފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
އެ ދިރާސާގައި ބައިވެރިވި މީހުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ފައިސާ ދީގެން ވޯޓު ގަތުން ވެސް ހިމެނޭ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
އިންތިހާބީ ކުށްތަކަށް އަރައިގަންނަ މައްސަލަތައް ތަހުގީގު ކުރަމުން ނުދާތީ އެ ޖަމިއްޔާ އިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.