ގއ. ވޮޑަމުލާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކުރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުން އެމަނިކުފާނު ދިފާއުކުރުން މާ ރަނގަޅުވާނެ ކަމަށް ވިދާޅުވެ، ރައީސް ޔާމީންގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) އަށް ރައްދު ދެއްވައިފި އެވެ.

މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ޓޮމް ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި އަހްމަދު އަދީބު އަބްދުލް ޣަފޫރު ވަކިކުރީ އެބޭފުޅުންނަށް އިތުބާރު ނުކުރެވޭ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގައި ރައީސް ޔާމީން ވިދާޅުވުމުން، ޕާލަމެންޓްރީ ގްރޫޕުން އިއްތިފާގުވެ ގާނޫނު އަސާސީ އާއި އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތްވާގޮތިގެ މަތިން ކަމަށެވެ.

ގާނޫނީ ވަކީލު އާދަމް ޝަމީމް (މެދުގައި) --- ފޮޓޯ: ވަގުތު

ޓޮމްގެ ވާހަކައަށް ރައްދު ދެއްވަމުން ގާނޫނީ ވަކީލު އާދަމް ޝަމީމް ވިދާޅުވީ ވޮޑަމުލާގެ ކަންތަކުގައި ރައީސް ޔާމީންގެ އެއްވެސް ދައުރެއް ނެތްކަން، އެކަން އެނގޭ ޕީޕީއެމްގެ މެންބަރުންގެ ފަރާތުން ސާފުކޮށްދޭން ރައީސް ޔާމީން މާބޮޑަށް ބޭނުންފުޅުވާނެ ކަމަށެވެ.

ޓޮމް އެފަދައިން ވިދާޅުވިއިރު، ޑރ. ޖަމީލް މަގާމުން ވަކިކުރުމުގައި ބައެއް މަޖިލިސް މެމްބަރުން އަދީބުގެ އަތުން ރިޝްވަތު ނަގާފައިވާކަން ތަހުގީގުން ވަނީ ހާމަވެފަ އެވެ.

ޓޮމް އަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ އުސޫލުތަކާ ޚިލާފުވެވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން އޭރުގެ އިދިކޮޅު ކޯލިޝަނާ ސިއްރުން ގުޅުން ބާއްވައި އޭރުގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ އިސްވެ އޮވެ ހުށަހެޅުއްވި މައްސަލާގައި ސޮއިކުރެއްވި ބޭފުޅެކެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެނބުރި ސަރުކާރަށް ތާއީދު ކުރަން ފައްޓަވާފަ އެވެ.