މުޅި ރާއްޖެއިން 125 މީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވިއިރު، 5،204 މީހަކަށް ވެކްސިންދީފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ޖުމްލަ 17،953 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. މީގެ ތެރެއިން 15،560 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 104 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 14 މީހަކާއި އޮޕަރޭޓް ކުރާ ރިސޯޓްތަކުން ޕޮޒިޓިވްވި ހަ މީހެއްގެ އިތުރުން ސީނާއީ މަސައްކަތް ކުރާ ރަށަކުން ޕޮޒިޓިވްވި މީހެކެވެ.

މި ބަލީގައި މިހާތަނަށް 56 މީހަކު ވަނީ މަރުވެފަ އެވެ.

އެޗްއީއޯސީން މިރޭ ބުނީ ކޮވިޑް ޖެހިގެން އައިސީޔޫގައި ތިން މީހަކަށް ފަރުވާދެމުން އަންނަ ކަމަށާއި ޖުމްލަ 190 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށެވެ.

ކޮވިޑް ފެތުރުން އިތުރުވަމުންދާއިރު މިއަދު އެކަނި 5،204 މީހަކަށް ވެކްސިންދީފައިވެ އެވެ. މިގޮތުން މިހާތަނަށް 43،817 މީހަކަށް ވެކްސިން ދީފައިވެ އެވެ.