ސުޝާންތު ސިންގު ރާޖްޕުޓްގެ މަރުން އަދިވެސް އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް އަރައި ނުގަނެވެ އެވެ.

އެ މަރަށް އަހަރެއް ވާން ކައިރިވެފައިވަނިކޮށް ސުޝާންތާއެކު "އެމްއެސް ދޯނީ" ފިލްމުން ފެނިގެން ދިޔަ ކޯ-ސްޓާ ސަންދީޕް ނަހަރް މިވަނީ އިއްޔެގެ ވަގުތެއްގައި އަމިއްލައަށް މަރުވެފަ އެވެ.

އަމިއްލަ އަށް މަރުވުމުގެ ކުރިން ސަންދީޕް ވަނީ އެހެން ހަދަން ޖެހުނު ސަބަބު ބަޔާންކޮށް އޭނާގެ ސޯޝަލް މީޑިއާގައި ދިގު މެސެޖެއް ހިއްސާކޮށްފަ އެވެ.

ފެސްބުކް މެދުވެރިކޮށް ވީޑިއޯއެއް ހިއްސާކޮށް އޭނާ ބުނިގޮތުގައި އަމިއްލަ އަށް މަރުވާން ނިންމީ އޭނާގެ އަންހެނުންގެ އުޅުމަށް އަންނަން ފެށި ބަދަލުތަކުންނެވެ. އެހެން ނަމަވެސް އޭނާގެ ހާލަތާ މެދު އަންހެނުން ޒިންމާދާރުކުރުވަން ބޭނުންނުވާ ކަމަށް ބުންޏެވެ.

ސަންދީޕް އިތުރަށް ބުނެފައިވާ ގޮތުގައި މިދުނިޔޭގައި އޭނާއަށް އެއްވެސް ހިތްހަމަޖެހުމެއް ނެތް ކަމަށާއި އަދި އޭނާއަށް ނަފްސާނީ މައްސަލަތައް ދިމާވެފައިވަނީ އަންހެނުންނާއި މައިދައިތަގެ ސަބަބުންނެވެ. ސަންދީޕްގެ އަންހެނުން ވަނީ މީގެ ކުރިން އަމިއްލައަށް މަރުވާނެ ކަމަށްބުނެ ސަންދީޕް އަށް ބިރުދައްކާފަ އެވެ.

އެ ކެޕްޝަން ނިންމާލަމުން އޭނާ ބުނެފައިވަނީ އޭނާ މަރުވުމަށް ފަހު އަންހެނުންނާ ދިމާލަށް އެއްވެސް އެއްޗެއް ނުކިޔުމަށެވެ. އެހެން ނަމަވެސް އޭނާގެ ސިކުނޑިއަށް ބޭސްކޮށްދޭން އެދިފައިވެ އެވެ.