މިއަދު އަހަރުމެންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއެކު ހެލިފެލިވެ އުޅުން މިވަނީ އިންތިހާއަށް މަދުވެފަ އެވެ. ހަރަކާތްތެރިވެ އުޅުން މަދުވެ، އިށީނދެ އިންނަ ވަގުތު އަހަރުމެންގެ އާއްމު ދިރިއުޅުމުގައި ވަރަށް ވެސް ގިނަ އެވެ.
ނަމަވެސް ހެލިފެލި ނުވެ، އެއްތަނެއްގައި މާގިނަ އިރު ވަންދެން އިށީނދެގެން އިނުމަކީ ސިއްހީގޮތުން އެހާ ރަނގަޅު ކަމެއް ނޫނެވެ. އެހެނީ އެއީ ނުހަނު ގެއްލުންބޮޑު ސިއްހަތަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމަކަށްވީމަ އެވެ.
ގިނައިރު ވަންދެން އިށީނދެ އިންނަން ޖެހޭ ވަޒީފާތަކުގައި އުޅޭ މީހުންނާއި އަމަލީ ވަޒީފާތަކުގައި އުޅޭ މީހުން ބައިވެރިކޮށްގެން ހެދުނު ދިރާސާއަކުން ދައްކާ ގޮތުގައި އެ މީހުންގެ ކެއިންބުއިމާއި ދިރިއުޅުމުގެ އާދަތައް އެއްގޮތް ނަމަވެސް ގިނައިރު އިށީނދެ ތިބެން ޖެހޭ މީހުންނަށް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.
ކަސްރަތުކުރުމަކީ ތިބާގެ އާދައެއް ނަމަވެސް ކަސްރަތަށް ފަހު ގިނަ ވަގުތު އިށީންދެ އިނުމަކީ ކަސްރަތުން ލިބުނު ފައިދާ ހަށިގަނޑަށް އެންމެ އެދެވޭ ގޮތުގައި ކުރުމަށް ހުރަސް އަޅާނެ ކަމެކެވެ. ދުވާލަކު ކިތަންމެ އިރަކު ކަސްރަތުކުރި ކަމުގައި ވިޔަސް އިށީނދެގެން ގިނަ ވަގުތު އިނުމުން އެ ހުރިހާ މަސައްކަތެއް ބޭކާރުވެ އެވެ.
ހަކުރު ބައްޔަކީ އަހަރުމެންގެ މުޖުތަމައުގައި އާއްމު ބައްޔަކަށް ވާއިރު އިށީންދެ އިނުމަކީ ތިބާއަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު އިތުރަށް ފަހި ކޮށްދޭ ކަމެކެވެ. މާ ގިނައިރު އިށީނދެ އިނުމަކީ ހަކުރު ކޮންޓްރޯލްކުރާ ހޯމޯންސް ކަމަށްވާ އިންސިއުލިންގެ ބާރު ދަށްކޮށްދޭ ކަމެއް ކަމަށް ޑޮކްޓަރުންނާއި ސައިންސްވެރިން ބުނެ އެވެ.
މި ސަބަބުތަކަށްޓަކައި އާއްމު ދިރިއުޅުމުގައި މާގިނަ އިރު ވަންދެން އިށީންދެ އިނުމުން އަހަރުމެން ދުރުވާން ޖެހެ އެވެ. އޭގެ ބަދަލުގައި ފުރަބަންދުގެ ހާލަމުގައި ވެސް ހެލިފެލިވެ، ހަރަކާތްތެރިކޮށް އުޅެވޭނެ ފަދަ ކަމެއް ކުރަން ސަމާލުވާން ޖެހޭނެ އެވެ.