ޒަމާނަށް އައި ކުރިއެރުމާއެކު ހަށިގަނޑަށް ފައިދާހުރި ކާނާ ދެނެގަތުމަކީ މާ އުނދަގޫކަމެއް ނޫނެވެ. އެގޮތުން އޯޓްސްއަކީ ފަހަކަށް އައިސް ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކާނާ އެކެވެ. ހާއްސަކޮށް ބަރުދަން ލުއިކުރަން މަސައްކަތްކުރާ ފަރާތް ތަކުގެ ހާއްސަ އެކުވެރިއެކެވެ.
ތަފާތު ގޮތްގޮތަށް އޯޓްސް ތައްޔާރުކޮށްލެވޭ އިރު ގިނަފަރާތް ތަކަށް ކަމުދަނީ ކުޅިކޮށް ތައްޔާރުކޮއްލާ އޯޓްސްގެ ބާވަތް ތަކެވެ. ކިރަށް އޯޓްސް އަޅައިގެން، ކުޅިކޮށް ނުވަތަ ލޮނުކޮށް ކައްކައިގެން، އޯޓްސް ބިސްގަނޑު އަޅުމުގެ އިތުރުން ވެސް އެކި ގޮތްގޮތަށް އޯޓްސް ބޭނުން ކުރެވެ އެވެ.
އޯޓްސް އަކީ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން ހިމެނޭ އެއްޗެކެވެ. ކައްކާފައިވާ އޯޓްސް ޖޯޑެއްގައި ގާތްގަނޑަކަށް 160 ގްރާމް ކެލަރީ، 30 ގުރާމް ކާބޯހައިޑްރޭޓް، 06 ގުރާމް ޕްރޮޓިން އަދި އެއް ގުރާމް ފެޓް ހިމެނެ އެވެ. މިއީ އެވްރެޖްކޮށް މީހަކަށް މައިގަނޑު ގޮތެއްގައި ކާ ގަޑިއަކަށް ގޮވާމުގެ ބައިން ބޭނުންވާ މިންވަރެވެ.
ގަވާއިދުން އޯޓްސް ކެއުމުގައި ބޭނުންކުރާނަމަ ހަކުރު ކޮންޓްރޯލް ކުރަން ފަސޭހަވެ، ހަށިގަނޑަށް ގެއްލުންދޭ ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމަށް އެހީވުމުގެ އިތުރުން ބަރުދަން ލުއިކުރަން ފަސޭހަވެ އެވެ.
އޯޓްސް އަކީ ހިތުގެ ދުޅަހެޔޮކަމަށް އަދި ގޮހޮރުގެ މައްސަލަތަކުގެ އިތުރުން ގައިގެ ހަންގަނޑު ކެހުމާއި ހިރުވުމުގެ މައްސަލަތަކަށް ވެސް ފަރުވާއެއްކަމުގައި ސިއްހީ މާހިރުން ފާހަގަކުރެ އެވެ.
އެހެންކަމުން ބުރަކޮށް އުޅެމުން ވެސް ތައްޔާރުކޮށްލަން ފަސޭހަ މި ކާނާއަކީ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނާލަން މުހިންމު ކާނާ އެކެވެ.