ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހަށް ވަޑައިނުގަންނަވާތާ އަހަރެއް ވެއްޖެ އެވެ. މިއަދު މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނު ސަލާމުގައި ހުންނަވާތާ އަހަރެއް ވެފައިވާ ކަމަށެވެ.

އެމަނިކުފާނު ވަނީ މަޖިލީހުގެ މެމްބަރުންގެ ސަލާން މާ ގިނަވެފައިވާތީ އެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

އެންމެ ސަލާމް ގިނަ މެމްބަރުގެ ގޮތުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވީ ގާސިމް އިބްރާހީމް އެވެ. ނަޝީދު ވިދާޅުވީ ގާސިމް އިބްރާހީމް މިދިޔަ އަހަރު އެކީހެން ހުންނެވީ ސަލާމުގައި ކަމަށާއި އަދި މި އަހަރު މިހާތަނަށް ވެސް ހުންނެވީ ސަލާމުގައި ކަމަށެވެ. ނަމަވެސް ސަލާމުގައި މިވީހާ ދުވަހު ހުންނެވި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.

ގާސިމް އިބްރާހީމްއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ވެސް މެ އެވެ. އަދި މިސަރުކާރުގެ ކޯލިޝަން ޕާޓްނަރެއް ވެސް މެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ގާސިމް އިބްރާހީމް ވަޑައިނުގަންނަވާއިރު އެމަނިކުފާނު ނިސްބަތްވާ ޕާޓީ ޖުމްހޫރީ ޕާޓީގެ ޙަރަކާތްތަކެއް ވެސް މިހާރު ކުރިއަށް ނުދެ އެވެ. އަދި ސިޔާސީ ކަންކަމުގައި ގާސިމް އިބްރާހީމް ބަސްވިދާޅުވެ ވެސް ނަހައްދަވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް މަހު މުސާރައިގެ ގޮތުގައި 80،000 ހާސް ވަރަކަށް ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. ނަމަވެސް އެ މަނިކުފާނު އެއްއަހަރު ދުވަހު ސަލާމުގައި ހުންނަވާއިރު މުސާރަ ހިނގާ ކަމެއް ނުވަތަ ނުހިނގާ ކަމެއް ސާފެއް ނޫނެވެ.

ގާސިމްއަށް ފަހު ދެން އެންމެ ގިނަ ދުވަހު ސަލާމްގައި ހުންނަވަނީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމެވެ. ދެން ސަލާން ގިނަ ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އެވެ. ނަމަވެސް ހުސައިން ވަހީދު ސަލާމުގައި ހުންނަވަނީ ބަލިވެ އުޅުއްވާތީކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި ހުސައިން ވަޙީދު ގެންދަވަނީ ސިއްޙީ ބޮޑު މައްސަލައަކަށް ދުބާއީގައި ފަރުވާ ހޯއްދަވަމުންނެވެ.