މ. އަތޮޅު ރަށެއްގައި އަޅާފައި އޮތް ރިސޯޓެއްގެ ލޯންޗެއް ވަގަށް ނަގައިގެން 14 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ ލޯބިވެރިޔާއާ ބައްދަލު ކުރަން މާލެ އަތުވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 14 އަހަރުގެ އެ ކުއްޖާ ވަގަށް ނަގާފައިވަނީ އެރަށު ފަޅުގައި އަޅާފައި އޮތް ސިނަމަން ހަކުރާ ރިސޯޓުގެ ލޯންޗެކެވެ.
އެ ކުއްޖާ ނިސްބަވްތާ ރަށުގެ މީހަކު ބުނީ ލޯންޗު ނެތްކަން އެނގުނީ މިއަދު ހެނދުނު ކަމަށާއި އޭގެ ފަހުން އެ ރަށުން ކުއްޖަކު ގެއްލިގެން އުޅޭ ހަބަރު ލިބުނު ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުޑަ ކުއްޖާ ރަށުން ފުރީ ދަންވަރުގެ ވަގުތެއްގަ އެވެ. ކުޑަކުއްޖާ ރަށުން ފުރީ އައިޑީ ކާޑާއި އޭނާގެ މަންމަގެ ފޯނާއި ބައެއް އަންނައުނު ވެސް ދަބަހަކަށް އަޅައިގެންނެވެ. އެ ކުއްޖާގެ ރަހުމަތްތެރިންނާ ހަވާލާދީ، އެރަށު މީހަކު ބުނީ ކުއްޖާ މާލެ ދިޔައީ އޭނާގެ ލޯބިވެރިޔާ އަނިޔާ އިން ސަލާމަތްކޮށް، އެ ކުއްޖާއާ ބައްދަލުކުރަން ކަމަށެވެ.
ކުޑަކުއްޖާ މާލެ ދިޔަކަން ޔަގީން ކުރެވުނު ނަމަވެސް، މާލެއިން އެ ކުއްޖާ އަދި ނުފެންނަ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އެހެން ނަމަވެސް އެ ކުއްޖާ މާލެ އައި ލޯންޗް މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގަ އެވެ. އެ ލޯންޗަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.