ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގަސްދުގައި މައުލޫމާތު ހިފަހައްޓައި, ސިއްރުކޮށް, މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުންދާ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މިއަދު ބުނެފި އެވެ.

ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ދިވެހި ނޫސްވެރިންނާ ބައްދަލުކުރާއިރު, ނޫސްވެރިކަމުގެ ކުރިމަގާ މެދު ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން, ސަރުކާރަށް ފާޑުކިޔާ ދެ ނޫހެއް ބްލޮކް ކޮށް ހިޔާލު ފާޅުކުރުމަށް ހުރަސް އެޅި ކަމަށް ބުނެފައިވެ އެވެ.

ވަކިން ހާއްސަކޮށް, ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ރާވައި އިންތިޒާމުވެގެން, ރަސްމީ އިދާރާތަައް މެދުވެރިކޮށް, ކަންކަމުގެ ހަގީގަތް ކަނޑައެޅިގެން އޮޅުވާލުމަށް މަސައްކަތް ކުރި ކަމަށް އެމްޑީޕީން ބުންޏެވެ.

އަދި, ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ނޫސްވެރިންނަށް ރައީސް އޮފީހަށް ފޯނު ނުވެއްދޭ ގޮތަށް އެ އޮފީހުގެ އުސޫލުތައް ކުއްލި ގޮތަކަށް ބަދަލުކުރުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި އެމްޑީޕީން ބުނެފައިވެ އެވެ.

"ދެފުށް ފެންނަ ހާމަކަން ބޮޑު ސަރުކާރެއް ގާއިމުކުރާނެ ކަމަށާއި ނޫސްވެރިންނަށް ފުރިހަމައަށް މައުލޫމާތު ދިނުމުގެ ވައުދާއެކު ވެރިކަމާ ހަވާލުވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގަސްތުގައި މައުލޫމާތު ހިފަހައްޓައި, ސިއްރުކޮށް, މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުންދާ ކަމަށް މި ޕާޓީން ގަބޫލުކުރަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ނޫސްތަކަށާއި ޓީވީ ސްޓޭޝަންތަކަށާއި ވަކިވަކި ނޫސްވެރިންނަށް އިންޒާރު ދިނުމާއި ބިރު ދެއްކުން އިތުރުވެފައިވާ ކަމަށެވެ. މި އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އެޅުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.

"ލިބެމުންދާ އިންޒާރުތަކާއި ސަރުކާރުން އަޅަމުންދާ ހުރަސްތަކާ އެކު ވެސް ރައްޔިތުންނަށް ތެދު ހާމަކޮށްދިނުމުގައި ބުރަކޮށް މަސައްކަތް ކުރަމުންދާ ދިވެހި އެންމެހާ ނޫސްވެރިންނަށް މި ޕާޓީން ޝުކުރު އަދާކުރަމެވެ. ކުރިއަށް އޮތް ތަނުގައި ވެސް ތިގޮތުގައި ދެމިތިބެ ވަރުގަދަ ނޫސްވެރިކަމެއް ކުރައްވާނެ ކަމަށް މި ޕާޓީން އުންމީދު ކުރަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ތަންމިނަށް ހުޅުވިފައި އޮންނަން ވާނެ ހައްގެއް ކަމަށްވާއިރު އެގޮތަށް ކަންކަން ފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ނޫސްވެރިކަމާއި ނޫސްވެރިންގެ ހައްގުގައި ކުރަމުންދާ ވަކާލާތު ކުރިއަށް އޮތް ތަނުގައި ވަރުގަދަކޮށް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ދުލާއި ގަލަމުގެ މިނިވަންކަމުގެ ހިމާޔާތުގައި އެމްޑީޕީ ދެމިއޮންނާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.