އެމެރިކާގައި މެންތޯލް ސިނގިރޭޓު ވިއްކުމާއި ބޭނުންކުރުން މަނާކުރަން އެގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންއިން 2022 ވަނަ އަހަރު ވަނީ ނިންމާފަ އެވެ.
2009 ވަނަ އަހަރު އެމެރިކާގައި މެންތޯލް ފިޔަވައި ހުރިހާ ފްލޭވާއެއްގެ ސިނގިރޭޓު ވިއްކުން މަނާ ކުރެވިފައިވާއިރު ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންއިން ނިންމާފައިވަނީ 2023 ވަނަ އަހަރު ނިމެންވާއިރަަށް މެންތޯލް ވެސް މަނާ ކުރާށެވެ.
އެހެން ނަމަވެސް 2024 ވަނަ އަހަރު ފެށިގެން އައިއިރުވެސް މި ނިންމުމަށް އަމަލު ކުރެވިފައިނުވާތީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި ސިއްހީ ޖަމިއްޔާތައް ގުޅިގެން ވަނީ އެ އިދާރާ ބޮއިކޮޓް ކޮށްފަ އެވެ.
މިކަމާ ގުޅިގެން އެމެރިކާގެ ސަރުކާރުން ބުނެފައިވަނީ މި ނިންމުމާ ގުޅިގެން ކުރިމަތިވާ ގާނޫނީ އަދި އިޖުތިމާއީ ގޮންޖެހުންތައް ހައްލު ކުރުމަށްޓަކައި ވަގުތު ބޭނުންވާތީ އެ ނިންމުމަށް އަމަލު ކުރުން ފަސް ކުރެވިފައިވާ ކަމަށެވެ.
ސިނގިރޭޓު މަނާ ކުރުމަކީ ރައީސް ބައިޑަންގެ ސަރުކާރަށް ކުރިމަތިވެފައިވާ ގޮންޖެހުމަކަށްވާއިރު މި ނިންމުން ނިންމައިފި ނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބައިޑަންއަށް ނާކާމިޔާބު ވެދާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ.