މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންގެ ގިނަ ގޮނޑިތައް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފި އެވެ.
މިއަދު ބޭއްވި ބައި އިލެކްޝަނުގެ ތެރެއިން، މ. މަޑުއްވަރީގައި ބާއްވާފައިވަނީ އެރަށުގެ ކައުންސިލުގެ ރައީސް ހޮވުމަށް ބޭއްވި ބައި އިލެކްޝަނެވެ. ނ. ވެލިދޫ، ނ. ލަންދޫ އަދި ހއ. އުތީމުގައި އިންތިޚާބުކޮށްފައިވަނީ ކައުންސިލުގެ މެންބަރުންނެވެ. މީގެ އިތުރުން ހއ. ތަކަންދުއާއި، ރ. އިންނަމާދޫގައި ބޭއްވި އަންހެނުންނަށް ހާއްސަ ކައުންސިލުގެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމުގެ ބައި އިލެކްޝަނެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން ނ. ވެލިދޫ، ހއ. ތަކަންދޫ، ހއ. އުތީމު އަދި ރ. އިންނަމާދޫގެ ބައި އިލެކްޝަން ކާމިޔާބުކޮށްފައި ވަނީ ޕީއެންސީންނެވެ.
ނ. ވެލިދޫ ކައުންސިލުގެ ގޮނޑި ޕީއެންސީގެ އަބްދުﷲ އަބްދުއްރައްޒާގު ކާމިޔާބުކުރެއްވީ އެމްޑީޕީގެ އާމިނަތު ޝިފާޒާއާ ވާދަކުރައްވައި 100 ވޯޓުގެ ތަފާތުންނެވެ. އަބްދުﷲ އަބްދުއްރައްޒާގަށް ލިބުނީ 549 ވޯޓެވެ. އަދި ޝިފާޒާއަށް ލިބުނީ 449 ވޯޓެވެ.
ހއ. ތަކަންދޫ ކައުންސިލުގެ ގޮނޑި ޕީއެންސީގެ ސަމީނާ މުހައްމަދު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ރަހްމާ އަބްދުﷲއާ ވާދަކުރައްވައި 33 ވޯޓުގެ ތަފާތުންނެވެ. ސިމާނާއަށް 207 ވޯޓު ލިބުނުއިރު، ރަހުމާއަށް ލިބުނީ 174 ވޯޓެވެ.
ހއ. އުތީމު ކައުންސިލުގެ ގޮނޑި ޕީއެންސީގެ އިބްރާހީމް ސުނައިން ކާމިޔާބުކުރެއްވީ އެމްޑީޕީގެ މުހައްމަދު އައުފްއާ ވާދަކުރައްވައި ފަސް ވޯޓުގެ ތަފާތުންނެވެ. ސުނައިނަށް 204 ވޯޓު ލިބުނުއިރު، އައުފަށް ލިބުނީ 199 ވޯޓެވެ.
ރ. އިންނަމާދޫ ކައުންސިލުގެ ގޮނޑި ޕީއެންސީގެ އާއިޝަތު ސަމާހާ ކާމިޔާބުކުރެއްވީ އެމްޑީޕީގެ ފާތިމަތު ސަމްހާއާ ވާދަކުރައްވައި 165 ވޯޓުގެ ތަފާތުންނެވެ. ސަމާހާއަށް 243 ވޯޓު ލިބުނުއިރު، ސަމްހާއަށް ލިބުނީ 78 ވޯޓެވެ.
މ. މަޑުއްވަރީ ކައުންސިލުގެ ރައީސް ކަމަން އިންތިޚާބުވީ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރެއްވި މުހައްމަދު އާޒިމް އަލީއެވެ. އޭނާ އަށް 194 ވޯޓު ލިބުނުއިރު، ޕީއެންސީގެ އަބްދުﷲ އަލީއަށް ލިބުނީ 144 ވޯޓެވެ. މިއީ ގައުމީ ފެންވަރުގެ އިންތިހާބަކުން ޑިމޮކްރެޓްސްއަށް ކާމިޔާބީ ލިބުނު ފުރަތަމަ ފަހަރެވެ.
ނ. ލަންދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ އާރިފެވެ. އޭނާއަށް 303 ވޯޓު ލިބުނު އިރު، އޭނައާ ވާދަކުރެއްވި މުހައްމަދު ޝުޖާއަށް ލިބުނީ 271 ވޯޓެވެ.