އާއްމުކޮށް ރެއަކާދުވާލެއްގެ ދިގުމިނަކީ 24 ގަޑިއިރެވެ. އެ 24 ގަޑިއިރު ރޭގަނޑާއި ދުވާލަށް ބެހިފައިވާ ގޮތް އެކި ގައުމުތަކުގައި ތަފާތުވެ އެވެ. ޖިއޮގްރަފީ ގޮތުން އެ ގައުމެއް އޮންނަ ސަަރަހައްދަކުންނެވެ.
އެހެން ނަމަވެސް އިރުގެ އަލިކަން ނުފެނި ކަނު އަނދިރީގައި ދެ މަސް ދުވަސް ހޭދަވާ ރަށެއްގެ ވާހަކަ އަޑު އެހިން ހެއްޔެވެ؟ މިއީ ވެސް ދުނިޔޭގައި ހިނގާ ކަމެކެވެ.
އެލަސްކާގެ އުޓްޖިއަގްވިކް ނަމަމަކަށް ކިޔާ އެ ރަށުގައި ފިނި މޫސުމާ ދިމާކޮށް އޮއްސޭ އިރު ދެން އަރަނީ އޭގެ ގާތްގަނޑަކަށް 66 ދުވަސް ފަހުންނެވެ.
އެގޮތުން މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެ އަވަށަށް އިރު އޮއްސުނު ގޮތަށް އިރު އެރީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ.
ގުދުރަތުގެ މި އަޖާއިބު ކުރުވަނިވި ހިނގުމަށް ސައިންޓިފިކް ގޮތުން ދީފައިވާ ނަމަކީ "ސިވިލް ޓްވިލައިޓް" އެވެ. އުޓްޖިއަގްވިކް އަކީ މިކަން މިގޮތަށް ދިމާވާ ހަމައެކަނި ސަރަހައްދެވެ.
ފިނި މޫސުމުގައި މިގޮތަށް ކަން ހިނގި ނަމަވެސް ހޫނު މޫސުމުގައި އޭގެ އިދިކޮޅަށް ކަންވެ އެވެ. ހޫނު މޫސުމުގައި އެ އަވަށަށް ރޭގަނޑުގެ ވަގުތު ވަރަށް މަދެވެ.