ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ ފަހުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއީސީ)ގެ ފަރާތުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން 8 ހަފްތާއަށް އިތުރުކޮށްފައިވާ ކަމަށެވެ. .

"ފުރަތަމަ ޑޯޒް ޖެހުމަށްފަހު އަށް ހަފްތާވުމަށް ފަހު ދެވަނަ ޑޯޒް ޖެހުމަށް ނިންމާފައި ވަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މިގޮތަށް މިނިންމުން ނިންމީ ޑަބްލިއުއެޗްއޯގެ އެންމެ ފަހުގެ ރިސަރޗަށް ބަލައި، ޓެކްނިލަން އެޑްވައިޒަރީ ގްރޫޕްގެ ލަފާގެމަތިން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފަހުގެ ރިސާޗްތަކަށް ބަލާއިރު ހަތަރު ހަފްތާއާ އަޅާ ބަލާއިރު، އަށް ހަފްތާ ފަހުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުން އޭގެ ފައިދާ ބޮޑުކަމަށް ފާހަގަވެފައިވާ ކަމަށެވެ.

"އެއީ ހަތަރު ހަފްތާއާ އަޅާ ބަލާއިރު، ދެވަނަ ޑޯޒް އަށް ހަފްތާ ފަހުން ޖެހީމަ އޭގެން ލިބޭ ރައްކާތެރިކަން އިތުރުވާ ކަމަށް ފާހަގަ ކުރެވޭތީވެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ވެކްސިނަކީ ބަލީގެ ޝިފާއެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ބައްޔާއި ދުރުކޮށްދޭ އެއްޗެއްކަމަށާއި، އެހެންކަމުން ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަމަށްވާ މާސްކު އެޅުމާއި، ގައިދުރުކުރުމާއި، އަތްދޮވުމަށް ސަމާލުވުމަށް ހަނދާންކޮށްދިނެވެ.