އިންޑިއާގައި ދިރިއުޅުމަކީ ނަފްސާނީ ސިއްހަތަށް ނޭދެވޭ އަސަރުކުރާ ކަމެއް ކަމުގައި ޓްވިޓާ ބޭނުންކުރާ އިންޑިއާގެ ރައްޔިތަކު ބުނެފި އެވެ.
ފިރިހެނުންގެ ނަފްސާނީ ސިއްހަތާ ގުޅިގެން ކޮށްފައިވާ ޕޯސްޓެއް ރީޓްވީޓް ކުރަމުން އަބީރާތު ބަތުރާ ނަމަކަށް ކިޔާ އެމީހާ ބުނީ އޭނާގެ ދިރިއުޅުން އެމެރިކާއަށް ބަދަލުކުރި ފަހުން ނަފްސާނީ ސިއްހަތު ބޮޑުތަނުން ރަނގަޅުވެފައިވާ ކަމަށެވެ.
ސަބަބެއް ކަމުގައި ބަތުރާ ބުނެފައިވަނީ އެމެރިކާގައި އުޅުމަކީ ގިނަ ކަންކަން އަމިއްލައަށް ކުރަން ޖެހޭ ކަމަކަށް ވުމެވެ. އެގޮތުން ކެއްކުމާއި އެއްޗެހި ދޮވުން ފަދަ ކަންކަމުން އޭނާއަށް އުފާވެރިކަން ލިބޭ ކަމަށް އޭނާ ބުންޏެވެ.
ބަތުރާގެ މި ހިޔާލު ފާޅުކުރުމުން ޓްވިޓާގައި ވަނީ ވަރުގަދަ ބަހުސެއް ފެށިފަ އެވެ. އޭނާއާ އެއްބަސްވާ މީހުން ބުނާ ގޮތުގައި އިންޑިއާގެ އިގްތިސާދާއި އިޖުތިމާއީ ހާލަތު ހުރި ގޮތުން ދިރިއުޅުމަށް އުނދަގޫވާ ކަމަށެވެ.
އެހެން ނަމަވެސް ބަތުރާއަކީ އިންޑިއާގެ ރައްޔިތަކަށް ވެހުރެ އިންޑިއާއާ ދެކޮޅަށް އެކަހަލަ ވާހަކަ ދެއްކުމުން ގިނަ ބަޔަކު އޭނާއަށް ފާޑުވެސް އަންނަނީ ކިޔަމުންނެވެ.
ބަތުރާގެ ޓްވީޓަށް 100،000 އަށްވުރެ ގިނަ ވިއުސްއާއި ޝެއާސް ލިބިފައިވާއިރު އެކަމާހެދި ޓްވިޓާ މިހާރު ވަނީ ދެބައި ވެފައި ކަމުގައި ބުނެވިދާނެ އެވެ.