އުމުރުން 65 އަހަރުން މަތީގެ މީހުން ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މާލެ ސަރަހައްދުގައި ދިރިއުޅޭ 65 އަހަރުން މަތީގެ ހުރިހާ މީހުން ވީހާ އަވަހަށް ވެކްސިންޖެހުމަށް އިލްތިމާސްކުރާ ކަމަށެވެ.

މާލޭގައި ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުން ހެނދުނު 09:00 އިން ހަވީރު 17:00 އަށެވެ. އަދި ހުޅުމާލޭގެ ވެކްސިނޭޝަން ސެންްޓަރުން (ކުރީގެ ފްލޫ ކްލިނިކް ހުރި އިމާރާތް) ހެނދުނު 09:00 އިން ހަވީރު 17:00 އަށްްް، އަދި ވިލިމާލެ ޔޫތު ސެންޓަރުން ހެނދުނު 09:00 އިން މެންދުރުފަހު 13:30 އަށެވެ.

އުމުރުން 65 އަހަރުން މަތީގެ އެއްވެސް މީހަަކަށް މިއިން ވެކްސިން ސެންޓަރަކަށް ދިއުމަށް ދަތިވާނަމަ ސެނަހިޔާއިން ވެކްސިން ޖެހުމުގެ ފުރުސަތު ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުނިއެވެ. ސެނަހިޔާއިން ވެކްސިން ޖަހަން ބޭނުންވާނަމަ، 1676 އަށް ގުޅައި، މަޢުލޫމާތު ހިއްސާކުރުމުން ވެކްސިން ޖެހުމަށް ގަޑި ހަމަޖައްސައިދެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މީގެކުރިން އެޗްޕީއޭއިންވަނީ ވެކްސިން ޖަހަންދާއިރު އައިޑީކާޑު ހިފައިގެން، ގަޔަށް ދޫ ހެދުމެއް ލައިންގެން ދިޔުމަށް އިލްތިމާސްކޮށްފަ އެވެ.