ނުރައްކަލާއި ބިރުވެރިކަމަކީ އިންސާނެއްގެ ސިކުނޑި އޭގެ އެންމެ ހޭލާ ހާލަތެވެ. އެ ހާލަތުގައި ކުރިމަތިވާ ނުރައްކަލުން ސަލާމަތްވާން ތިމާއަށް ދުވަހަކު ކުރެވިދާނެ ކަމަށް ގަބޫލު ކުރެވިފައިނުވާ ކަންތައްތައް ކުރުމުގެ ބާރާއި ހިތްވަރު ލިބެ އެވެ.

އެފަދަ އެއް މިސާލަކީ ޔޫކްރެއިންގެ ރައްޔިތެއް ކަމަށްވާ ލިޑިއާ ލޮމިކޯވްސްކާ، 98، ދެއްކި މިސާލެވެ. ނުރައްކަލާއި ބިރުވެރިކަން ވަށާލި ވަގުތު އޭނާ ވަނީ އޭނާގެ އުމުރާ ނުބައްދަލު ދަތުރެއް ކޮށްފަ އެވެ.

ރަޝިއާއިން ހިފާފައިވާ ޔޫކުރެއިންގެ ސަރަހައްދެއް ކަމަށްވާ ޑޮނެސްކްގެ ރައްޔިތެއް ކަމަށްވާ ލިޑިއާ އުޅެމުން ދިޔަ ބިރުވެރިކަމާއި އަޅުވެތިކަމުގެ ދިރިއުޅުމުން ސަލާމަތްވާން އޭނާ ދަތުރުފެށީ ހަމައެކަނި އަސާގަނޑެއްގެ އެހީގަ އެވެ.

އެތައް ސަތޭކަ މޭލެއްގެ ދިގު ދަތުރަކަށް ފަހު ލިޑިއާއަށް އިތުރު އެހީތެރި ކަމެއް ލިބުނީ ޔޫކްރެއިންގެ މިހާރުގެ ބޯޑަރު ކައިރިން އެ ގައުމުގެ ސިފައިންނަށް ލިޑިއާ އެކަނިމާއެކަނި ހިނގާފައި އަންނަ މަންޒަރު ފެނުނު ހިސާބުންނެވެ.

އޭނާގެ ދަތުރު ސިފަ ކުރަމުން ލިޑިއާ ބުނެފައިވަނީ ދަތުރުގެ ތެރެއިން ދެ ފަހަރަކު އޭނާ ވެއްޓުނު ކަމަށާއި ވަރުބަލި ފިލުވަން އެކި ތަންތަނަށް ހުއްޓަމުން ނިދަމުން ވެސް އައި ކަމަށެވެ.

ލިޑިއާގެ ދިގު ދަތުރަށްފަހު މިހާރު އޭނާ ވަނީ އޭނާގެ އާއިލާއާ ބައްދަލުވެފަ އެވެ. އެ މީހުން ވަކިވެފައިވަނީ ހަނގުރާމައިން ސަލާމަތްވާން އާއިލާގެ މެމްބަރުން ޑޮނެސްކް ދޫކޮށް ދިއުމުންނެވެ.

ޔޫކުރެއިން ހަނގުރާމައިގައި އެތައް ހާސް އާއިލާއެއް ބައިބައިވެ ވަކިވެފައިވާއިރު ގިނަ އަދަދެއްގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަންނަނީ އެކަނިވެރި ދިރިއުޅުމެއް އުޅެމުންނެވެ.