ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓަށް އެންމެ ފަހުން އިތުރުކުރި 42 ގޮނޑީގެ އޭޓީއާރް މަރުކާގެ ބޯޓުގައި އުދުހިފައި، ޔޫރަޕުގެ ފްރާންސްގެ ސިޓީއެއް ކަމަށްވާ ޓޫލޫސް އިން ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރާ ހަމައަށް ރައްކާތެރިކަމާ އެކު އެ ބޯޓު ގެނެސްދިނުމުގެ ޝަރަފުވެރިންނަކީ އެ އެއާލައިނުގެ ދިވެހި ކެޕްޓަނުން ކަމަށްވާ މުހައްމަދު މުބާހާއި އަލީ ޔާނިޝް އަދި އިންޖިނޭރު އަހުމަދު އަބްދުލް ހަކީމެވެ.

ޔޫރަޕުން ފުރައިގެން ރާއްޖެއާ ހަމައަށް ބޯޓު ގެނައުމަށްޓަކައި ފްރާންސްގެ ޓޫލޫސް އިން ފުރީ މެއި 6 ވަނަ ދުވަހުގެ ހެނދުނު 10:49 ގަ އެވެ. ހަތަރު ގަޑިއިރާ 12 މިނިޓުގެ ދަތުރަކަށް ފަހު ގްރީސްގެ ހެރަކްލިއޯން ސިޓީއަށް ލޭންޑްކުރީ އެ ދުވަހުގެ ހަވީރު 4 ޖަހާކަންހާ އިރު އެވެ. ޖެހިގެން އައި ދުވަހު ހެނދުނު ގްރީސް އިން ފުރައިގެން 2 ގަޑި 36 މިނިޓުގެ ދަތުރަކަށް ފަހު މިސްރުގެ ޣުރުދަގާގައި ލޭންޑްކުރީ އެ ދުވަހުގެ ހެނދުނު 10:44 ގަ އެވެ. ހަމަ އެ ދުވަހުގެ ހެނދުނު 11:56 ގައި މިސްރުން ފުރައިގެން 4 ގަޑިއިރާއި 38 މިނިޓުގެ ދަތުރަކަށް ފަހު އޮމާންގެ މަސްކަޓުގައި ޖެއްސީ ހަވީރު 5 ގަޑި 34 ގަ އެވެ.

އޮމާނުން ރާއްޖެ އަށް ދަތުރު ފެށީ މެއި 8 ވަނަ ދުވަހު ހެނދުނެވެ. ޝެޑިއުލްގައި އޮތް ގަޑި ކަމަށްވާ 10:30 ގައި ފުރައިގެން 5 ގަޑިއިރާއި 37 މިނިޓުގެ ދިގު ދަތުރަކަށް ފަހު ހުޅުލޭ ވައިގެ ބަނދަރަށް ބޯޓު ތިރިކޮށްފައި ވަނީ 5:06 ގަ އެވެ.

https://www.instagram.com/p/C6q_a9Cy9fR/?igsh=MzRlODBiNWFlZA%3D%3D&img_index=2

ޔޫރަޕުން ފުރައިގެން ތިން ދުވަސް ހޭދަވި ނަމަވެސް މާލެއާ ހަމައަށް ބޯޓު ގެނައުމުގައި ޕައިލެޓުންނާއި އިންޖިނޭރު މުޅި ޖުމްލަ 17 ގަޑިއިރާއި 3 މިނިޓް ވައިގެ ތެރޭގައި ހޭދަކޮށްފައިވެ އެވެ.

މޯލްޑިވިއަން އަށް ގެނައި އޭޓީއާރް މަރުކާގެ ހަތަރު ވަނަ ބޯޓު އެއާޕޯޓުގައި ޖެއްސުމާ އެކު ވަނީ މަރުހަބާ ކިޔުމަށް ފެނުގެ ސެލިއުޓެއް ދީފަ އެވެ. އެ ހަފުލާގައި ޓްރާންސްޕޯޓް މިނިސްޓަރާއި މޯލްޑިވިއަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މޯލްޑިވިއަނުން ގެނައި ހަތަރު ވަނަ އޭޓީއާރް ބޯޓް --- ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަންގައި މިހާރު ބޭނުން ކުރަނީ މިދިޔަ އަހަރު ގެނައި އޭޓީއާރުގެ 72 ގޮނޑީގެ ދެ ބޯޓާއި 42 ގޮނޑީގެ އިތުރު ބޯޓެކެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން އިން ނިންމާފައި ވަނީ އެ ކުންފުނީގައި މިހާރު ބޭނުންކުރާ ޑޭޝް-8 މަރުކާގެ ބޯޓުތައް ގިނަ ދުވަސްވެ، މެއިންޓެއިންސް ހަރަދު ބޮޑުވުމުން ބޭނުންކުރުން ހުއްޓާލުމަށެވެ. ޑޭޝް މަރުކާގެ ބޯޓުތައް އުފެއްދުން ހުއްޓާލުމުން އޭގެ ސްޕެއާ ހޯދުން ވެސް ވަނީ އަގުބޮޑު ކަމަކަށެވެ.

މޯލްޑިވިއަންގެ ދިވެހި ޕައިލެޓުން މީގެ ކުރިން ވަނީ ޑޭޝް-8 ގެ ބޯޓުތައް ރާއްޖެ ގެނައުމުގައި ކެނެޑާ އިން ފުރައިގެން މާލެއާ ހަމައަށް ދަތުރުކޮށްފަ އެވެ.