އޮންލައިން ޓްރޭޑް ކުރުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނަގާ އޮޅުވާލިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ކޮއްކޮ ޝަޒްބާން ފަހުމީ އަދި ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ފަށަން ތާވަލުކޮށްފި އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިސްތިހާރުކޮށްގެން، ކިންގްސް ފޮރެކްސްގެ ނަމުގައި އެ ސްކީމްގައި ހިންގަނީ ކިންގްސް ކެޕިޓަލް ހޮލްޑިން ޕްރައިވެޓް ލިމިޓެޑްގެ ނަމުގަ އެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބެނީ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ކޮއްކޮ އަދި ނޫސްވެރިޔާ ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީ އެވެ.

އެ ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ޓެކުމުގެ ދެ ދައުވާ އެކެވެ. ކްރިމިނަލް ކޯޓުގައި އެ ތިންބެއިންގެ ޝަރީއަތް ފަށަން ހަމަޖެހިފައި ވަނީ މިއަދު މެންދުރު 1:00ގަ އެވެ.

އޮންލައިން ޓްރޭޑިން ހިގުމަށް އިންވެސްޓްކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މިލިއަނުން ރުފިޔާ ނަގާ އޮޅުވާލިކަމަށް ކުރެވޭ ތުހުމަތުތައް އެ މީހުން ދޮގުކުރެ އެވެ.

އަލްހާން ވިދާޅުވެފައި ވަނީ އެއީ ސިޔާސީ ބޭނުމެއްގައި އޭނާއަށް ގެއްލުން ދިނުމަށް ކުރި ކަމެއް ކަމަށެވެ.

އެ މައްސަލައިގައި މީގެ ކުރިން ކިންގްސްގެ ބޭންކް އެކައުންޓުތައް ވެސް ބީއެމްއެލްއިން ހިފެހެއްޓި އެވެ. އެކަމަކު، ކިންގްސްއިން އެ މައްސަލައިގައި ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން ނިންމާފައި ވަނީ ކޯޓު އަމުރެއް ނެތި އެކައުންޓުތައް ހިފެހެއްޓީ ގޯސްކޮށް ކަމަށެވެ.