މާލޭ މަގުމައްޗަށް އެކި އިމާރާތްތަކުން ފެންތިކި ޖަހާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލޭ މަގުމައްޗަށް އެކި އިމާރާތްތަކުން ފެންތިކި ޖަހާ މައްސަލަ އަކީ ޒަމާނުއްސުރެ ހައްލުނުކުރެވި އޮތް މައްސަލައެއް ކަމަށާއި މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން މި މަހު އެކަނި ވެސް މަގުމައްޗަށް ފެންތިކި ޖަހާ ގޮތަށް ހުރި 30 ތަނެއް ފާހަނގަ ކޮށް، އެތަންތަން މަރާމާތުކޮށް ރަނގަޅުކުރުމަށް ވަނީ އެންގިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

"މާލޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ،" މާލެ ސިޓީ ކައުންސިލުން ބުނެ އެވެ.

ވާރޭވެހި ވިއްސާރަކުރާއިރު މާލޭގެ މަގުތަކަށް ހަދަމުންދާ އިމާރާތްތަކުން އަދި ފެންއޮޅިތަކުން ފެން އެޅޭ މައްސަލަ އަކީ ބޮޑު މައްސަލައެކެވެ.

ސިޓީ ކައުންސިލުން އަންނަނީ މާލެ ސަރަހައްދުގައި ހުރި މިފަދަ ގިނަ މައްސަލަތަކެއް ހައްލުކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ކުނިން ތޮއްޖެހި ދުވަސްވެފައިވާ ތަންތަން ސާފްކުރުމާއި، އާންމު ތަންތަނުގެ ސާފްތާހިރުކަން ބެލެހެއްޓުން ފަދަ މުހިންމު މަސައްކަތްތަކެއް ހިމެނެ އެވެ.