ނެޝަނަލް އެވޯޑް ހާސިލްކޮށްފައިވާ ބަތަލާ ކަންގަނާ ރަނާވަތު މިވަގުތު އުޅެނީ ލޯކް ސަބާ އިންތިހާބު 2024 ގެ ކެމްޕޭންގަ އެވެ. އިންޑިއާގައި މިހާރު ކުރިއަށްދާ އާންމު އިންތިހާބުގައި އޭނާ ވާދަކުރަނީ ބީޖޭޕީގެ ފަރާތުން މަންޑީ ދާއިރާއަށެވެ.

ނަމަވެސް އޭނާގެ ހުރިހާ ފޭނުން ވެސް އިންތިޒާރު ކުރަމުން ދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "އިމަޖެންސީ" އިން ބޮޑު ސްކްރީނުން ފެންނާނެ ދުވަހަކަށެވެ. ކުރިއަށް އޮތް "ޕީރިއަޑް ޕޮލިޓިކަލް" ޑްރާމާގައި އޭނާ ފެނިގެންދާނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލުންނެވެ.

ކަންގަނާ ރަނާވަތުގެ "މަނިކަރްނިކާ ފިލްމްސް" އިން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ފިލްމު ރިލީޒްކުރާނެ އާ ތާރީހެއް އަންނާނެ ކަމަށާއި ފިލްމް ލަސްވި ސަބަބަކީ އެއީ އޭނާގެ އިންތިހާބީ ކެމްޕޭނުގައި ހަރަކާތްތެރިވަމުން ދާތީ ކަމަށެވެ.

މި ފިލްމަކީ ކަންގަނާ ލިޔެ، ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ.

ކަންގަނާ އަކީ ޕީރިއަޑް ޕޮލިޓިކަލް ފިލްމްތަަކަށް އާމޫނެއް ނޫނެވެ. ފިލްމް "މަނިކަރްނިކާ" ގައި އޭނާ ކުޅެފައިވަނީ އިނގިރޭސި އިސްތިއުމާރާ ދެކޮޅަށް ހަނގުރާމަކުރި ރާނީއެއްގެ ރޯލެވެ.