އުރަމަތީގެ ކެންސަރަކީ ކެންސަރުގެ ވަރަށް އާންމު ވައްތަރެކެވެ. އަންހެނުންގެ އުމުރުން ދުވަސްވުމަކީ އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ. އުރަމަތީގެ ކެންސަރު ދެނެގަތުމަށްޓަކައި ގަވާއިދުން ޗެކަޕްހެދުމަކީ މުހިއްމު ކަމެކެވެ. ޗެކަޕް ހެދުން ފަސްކުރުމާއި، ޗެކަޕް ނަހަދައި ދޫކޮށްލުމަކީ ރަނގަޅު ކަމެއް ނޫނެވެ.

އުރަމަތީގެ ކެންސަރު ހުރިތޯ ބެލޭނެ އެންމެ ޔަގީން އެއް ޓެސްޓަކީ މެމޯގްރާމެވެ. އެއީ އުރަމަތީގެ އެކްސްރޭއެކެވެ.

ލޭންސެޓް އޮންކޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި 40 އަހަރުން މަތީ އަންހެނުން އަހަރަކު އެއްފަހަރު މެމޯގްރާމް ހެދުމަށް އެދެވިގެންވެ އެވެ. އަދި މި ގޮތަށް އަމަލު ކުރާނަމަ އަވަހަށް ދެނެގަނެވި އުރަމަތީ ކެންސަރުން މަރުވާ މީހުންގެ އަދަދު މަދުކުރެވި ދާނެ އެވެ. ޚާއްސަކޮށް އާއިލާ ތެރޭގައި މި ވައްތަރުގެ ކެންސަރު އުޅޭނަމަ ގަވައިދުން މެމޯގްރާމް ހެދުން ވަރަށް ބޮޑަށް އެދެވިގެންވެ އެވެ.

އުރަމަތީގެ ކެންސަރަކީ ކޮންމެ އަންހެނަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. އެކަމަކު މިބަލީގެ ކުރީކޮޅު އެނގިއްޖެނަމަ ރަނގަޅު ކުރެވިދާނެ ބައްޔެކެވެ. އުރަމަތީގެ ކެންސަރު ޖެހުމުގެ ކުރީކޮޅު އެނގިއްޖެނަމަ، އަވަހަށް ފަރުވާލިބުމުން ރަނގަޅުވާ މިންވަރު 90 ޕަސެންޓް އިތުރުވެ އެވެ. މިއީ މަޖުބޫރު ކަމަކަށް ނުވިޔަސް މި ޓެސްޓުގެ ސަބަބުން ފުރާނަ ސަލާމަތްވެދާނެ އެވެ.

މި ވައްތަރު ކެންސަރު ގިނައިން ޖެހެނީ އަންހެނުންނަށެވެ. މަދުން ނަމަވެސް ފިރިހެނުންނަށް ވެސް ޖެހެ އެވެ.