ހަތަރު މީހުންނާއެކު ގެއްލުނު ދޯންޏެއް ހޯދުމުގެ މަސައްކަތް މޯލްޑިވިއަންގެ މަތިންދާބޯޓެއް ބޭނުންކޮށްގެން ފަށައިފި އެވެ.

ގެއްލިގެން ހޯދަނީ ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރި، “AAA-37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ.

އެމްއެންޑީއެފްއިން ބުނީ ތިން މީހުންނާއެކު، އިއްޔެ ހެނދުނު 6:00 ހާއިރު ކ. ތިލަފުށިން ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިއްޔެ ހަވީރު 5:20 ހާއިރު ކަމަށެވެ. އަދި ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީގެ އިތުރުން މޯލްޑިވިއަން ފްލައިޓެއްގެ އެހީގައި ވައިގެމަގުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

މީގެ ކުރިން ގެއްލުނު ދޯންޏެއް ހޯދީ އެމްއެންޑީއެފް ޑްރޯން ބޭނުންކޮށްގެންނެވެ. މިފަހަރު ގެއްލުނު ދޯނި ހޯދަން ޑްރޯން ބޭނުންކުރާ ކަމަށް އެމްއެންޑީއެފް އިން ނުބުނެ އެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެ ދޯނި ފެނިފައި ނުވާ ކަމަށެވެ.

އެމްއެންޑީއެފްއިން ވަނީ ދޯންޏާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް އެދިވަޑައިގެންފަ އެވެ.

ހުޅަނގު މޫސުން ފެށިފައިވާތީ މިދުވަސްވަރަކީ ރާއްޖެއަށް މޫސޫން ގޯސް، ވައިގަދަ އަދި ކަނޑު ގަދަ ދުވަސްތަކަކަށް ވާތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާގުޅުންހުރި އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.