އާ ސަހަރާގެ ފިނިޝިންގެ މަސައްކަތް ހައިމަން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައި ވަނީ 60 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށް. މިމަސައްކަތުގެ އަގަކީ 2،70،3793.18 ރުފިޔާ.

މާލޭ އާ ސަހަރާގެ ފިނިޝިންގެ މަސައްކަތް ނިންމުމަށް ހައިމަން ކޮންސްޓްރަކްޝަން ހަވާލުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާ ސަހަރާގެ ފިނިޝިންގެ މަސައްކަތް ނިންމުމުގެ އެއްބަސްވުމުގައި ހައިމަން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު މުހައްމަދު އައިމަން އެވެ. މާލެ ސިޓީ ކައުންސިލުންގެ ފަރާތުން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރު އެވެ.

އާ ސަހަރާގެ ފިނިޝިންގެ މަސައްކަތް ހައިމަން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައިވަނީ 60 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މިމަސައްކަތުގެ އަގަކީ 2،70،3793.18 ރުފިޔާ އެވެ.

އާ ސަހަރާއަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރުކުރުމަށް، ދެ ބުރީގެ އިމާރާތެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ. އެ މަސައްކަތް އޭރު ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށް 4.9 މިލިއަން ރުފިޔާ އަށެވެ.

އެކަމަކު އެއް މަސް ދުވަހަށް ހަވާލުކުރި އެ މަސައްކަތް ނުނިމި، ދިގުލައިގެން ދިއުމުން ކައުންސިލުން އެއްބަސްވުން ބާތިލުކުރިޔަސް އޭރު އެ ކުންފުންޏަށް އޮތީ 3.6 މިލިއަން ރުފިޔާ ދީފަ އެވެ.

އާ ސަހަރާ މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު އެތަނުގައި ހުރި ބާ އިމާރާތް ތަޅާލައި މިސްކިތުގެ ޖާގަ ބޮޑުކޮށް، ލައުންޖަކާއި ހިނަވާގެއެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެ މަސައްކަތް ކުރިއަށް ދާތީ މިހާރު މާލޭގައި މަރުވާ މީހުންގެ ޖަނާޒާ ބާއްވަނީ ހުޅުމާލެގަ އެވެ.