މީގެ ކުރިން ގެއްލުނު ދޯންޏެއް ހޯދީ އެމްއެންޑީއެފް ޑްރޯން ބޭނުންކޮށްގެން ކަމަށް ބުނި. މިފަހަރު ގެއްލުނު ދޯނި ހޯދަން ޑްރޯން ބޭނުންކުރާ ކަމަށް އެމްއެންޑީއެފް އިން ނުބުނޭ. އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ވެސް އެމްއެންޑީއެފް އިން އެއްވެސް ޖަވާބެއް އަދި ނުދޭ.

ހަތަރު މީހުންނާއެކު ގެއްލުނު މެދުފުށި ރިސޯޓުގެ ދޯނި އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން މިރޭ ބުނެފި އެވެ.

ގެއްލިގެން ހޯދަނީ ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރި، “AAA-37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ.

އެމްއެންޑީއެފް އިން ބުނީ އެ ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ކަނޑާއި ވައިގެމަގުން، މ. އަތޮޅު ރަތްމަންދޫގެ އިރުމަތީ ބިތުން ބޮޑު ސަރަހައްދެއް މިއަދު ބަލާފައިވާ ކަމަށެވެ. އެގޮތުން ކަނޑާއި ވައިގެމަގުން 4،519 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ދޯނިން ދަތުރުކުރީ ބަނގްލަދޭޝް ތިން މީހުންނާ ދިވެއްސަކު ކަމަށެވެ.

އެމްއެންޑީއެފްއިން މިއަދު ހެނދުނު ބުނީ އިއްޔެ ހެނދުނު 6:00 ހާއިރު ކ. ތިލަފުށިން ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިއްޔެ ހަވީރު 5:20 ހާއިރު ކަމަށެވެ. އަދި ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީގެ އިތުރުން މޯލްޑިވިއަން ފްލައިޓެއްގެ އެހީގައި ވައިގެމަގުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެ އެވެ.

މީގެ ކުރިން ގެއްލުނު ދޯންޏެއް ހޯދީ އެމްއެންޑީއެފް ޑްރޯން ބޭނުންކޮށްގެންނެވެ. މިފަހަރު ގެއްލުނު ދޯނި ހޯދަން ޑްރޯން ބޭނުންކުރާ ކަމަށް އެމްއެންޑީއެފް އިން ނުބުނެ އެވެ. އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ވެސް އެމްއެންޑީއެފް އިން އެއްވެސް ޖަވާބެއް އަދި ނުދެ އެވެ.

ހުޅަނގު މޫސުން ފެށިފައިވާތީ މިދުވަސްވަރަކީ ރާއްޖެއަށް މޫސޫން ގޯސް، ވައިގަދަ އަދި ކަނޑު ގަދަ ދުވަސްތަކަކަށް ވާތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާގުޅުންހުރި އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.