ގދ. އަތޮޅުގައި ހިންގާ ރަފަލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން އިއްޔެ މޫދަށް ފޭބި ފަހުން ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ބިދޭސީ މީހާ މިއަދު ފެނިއްޖެ އެވެ.

އުމުރުން 32 އަހަރުގެ ބަންގްލަދޭޝްގެ އެމީހާ ފެނިފައި ވަނީ މިއަދު ހެނދުނު 9.25 ހާ އިރު، ގއ. ގައި ހިންގާ ރެސިޑެންސް މޯލްޑިވްސް ރިސޯޓުގެ މޫދުން ކަމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ބުނެފައިވެ އެވެ.

ރަފެލްސް ރިސޯޓުގެ ދޯނީގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހާ ކަޔަކެއްގައި މޫދަށް ފޭބި ފަހުން ގެއްލިގެން ފުލުހުންނަށް ހުށަހެޅީ އިއްޔެ މެންދުރު ފަހު 3:30 ހާއިރެވެ. އެ މީހާގެ ހާލު ރަނގަޅު ކަމަށްވެ އެވެ.

ބަންގްލަދޭޝްގެ މީހާ ގއ. ރިސޯޓަށް ދިޔަ ގޮތުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑުދަތުރު ކުރާ ފަރާތަތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުންނާއި ކޯސްޓްގާޑުން އިލްތިމާސްކުރެ އެވެ.