ސައުދީ އަރަބިޔާގެ މާތްވެގެންވާ ދެ ހަރަމްފުޅުގެ އިސް އިމާމް އަބްދުއްރަހުމާން އިބްން އަބްދުލް އަޒީޒް އަލް ސުދައިސް އަކީ މުޅި ދުނިޔެ އަށް މަޝްހޫރު ވަރަށް މަގްބޫލް ބޭފުޅެކެވެ. ޚާއްސަކޮށް އިސްލާމީ ދުނިޔޭގައި ސުދައިސް އަށް އޮންނަ ގަދަރާއި އިހްތިރާމް ވަރަށް ބޮޑެވެ.
ޝެއިޚް ސުދައިސްގެ ގުރުއާން ކިޔަވާ ވިދާޅުވުމަކީ އެތައް ބަޔަކަށް ފޫހިކަމެއް ނެތި އަޑުއަހާލެވޭ ހިތްގައިމު އަޑެކެވެ. އެހެން ނަމަވެސް ސުދައިސްގެ ގުރުއާން ކިޔަވާ ވިދާޅުވުމާ ބެހޭ މައުލޫމާތު ފިޔަވައި އެހެން ބައެއް ކަންކަން މާ އާއްމުކޮށް ގިނަ ބަޔަކަށް ނޭނގެ އެވެ. އެމަނިކުފާނުގެ މުސާރައަކީ ކިހާވަރެއްތޯ އެވެ. ސުދައިސްގެ ކިތައް އަނބިކަނބަލުންނާއި ކިތައް ބޭފުޅުން ތިއްބަވާތޯ އެވެ. ސުދައިސްގެ މިލްކިއްޔާތުގައި ވަނީ ކިހާވަރެއްތޯ އެވެ.
ޝެއިޚް ސުދައިސް
- އުފަންވެވަޑައިގަތީ: 10 ފެބްރުއަރީ 1960
- އުފަންވެވަޑައިގަތް ސިޓީ: ރިޔާޒް
- ހަރަމްފުޅުގެ އިމާމްކަން ލިބިވަޑައިގެންނެވީ: 23 މެއި 1984
- ދަރިދަރިކަލުންގެ އަދަދު: 9
- އަނބިކަނބަލުންގެ އަދަދު: 1
ސުދައިސްގެ މުސާރައަކީ ކިހާވަރެއް؟
ބުނެވޭ ގޮތުގައި ދެ ހަރަމްފުޅުގެ އެއްވެސް އިމާމަކަށް ވަކި މުސާރައެއް ސައުދީ ސަރުކާރުން ކަނޑައަޅައިފައެއް ނުވެ އެވެ. ސައުދީ ސަރުކާރުން ބުނެފައިވާ ކަމަށް ވަނީ މަސްޖިދުލް ހަރާމް އާއި މަސްޖިދުއް ނަބަވީގެ އިމާމުންނަކީ އެ ބޭފުޅުން ކޮށްދެއްވާ ޚިދުމަތުގެ އަގު ފައިސާ އިން އަދާކުރެވޭ ވަރަށް ވުރެ މާ މަތިވެރި ޚިދުމަތެއް ކޮށްދެއްވާ ބަޔެކެވެ. އެހެންވެ ބައެއް މައުލޫމާތުތަކުގައިގާ ގޮތުން ސައުދީ ސަރުކާރުން އިމާމުންނަށް ކޮންމެ މަހަކު ވެސް ދެއްވަނީ "ބްލޭންކް ޗެކެކެވެ." ނުވަތަ ކޮންމެ އިމާމަކު ވެސް އެ މަހެއްގައި ބޭނުންފުޅުވާ ހުރިހާ ކަމެއް ސައުދީ ސަރުކާރުގެ ޚަރަދުގައި ކޮށްދެއްވަނީ އެވެ.
ސުދައިސްގެ އަނބިކަނބަލުން
ޝެއިޚް ސުދައިސް ކައިވެނި ބައްލަވައިގެންފައި ވަނީ އެމަނިކުފާނުގެ ދެބެންގެ ދެދަރި ކަނބަލެއް ކަމަށްވާ ފާތިމާ ބިންތު އަލީ އަލް ސުދައިސްއާ އެވެ. ޝެއިޚް ސުދައިސް އާއި ފާތިމާ އަށް ނުވަ ކުދިން ލިބިވަޑައިގެންފައިވެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ޝެއިޚް ސުދައިސްގެ ދެވަނަ އަނބިކަނބަލުންނަކީ ވެސް މަންމާފުޅުގެ ފަރާތުން އާއިލީ ގޮތުން ތިމާގެ ކަނބަލެކެވެ. ނަމަވެސް އެއީ ރަސްމީ އެއްވެސް ފަރާތަކުން ސައްހަކޮށްދީފައިވާ މައުލޫމާތެއް ނޫނެވެ. އެހެންވެ ރަސްމީ މައުލޫމާތުގައި ވަނީ ސުދައިސްގެ އެންމެ އަނބިކަނބަލެއް ހުންނަވާ ކަމަށެވެ.
ސުދައިސްގެ މިލްކިއްޔާތު
އިމާމް ޝެއިޚް އަބްދުއްރަހުމާން އަލް ސުދައިސްގެ މިލްކިއްޔާތުގެ އަގަކީ އާއްމުންނަށް އެނގޭ މައުލޫމާތެއް ނޫނެވެ. ސުދައިސްގެ މިލްކިއްޔާތުގެ އަގާ ބެހޭ ގޮތުން ތަފާތު އެސްޓިމޭޓްތައް ހަދާފައިވެ އެވެ. އެންމެ އިތުބާރު ހުރި އެސްޓިމޭޓެއް ކަމަށް ބުނެވެނީ އެމަނިކުފާނުގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު ހުރި ކަމަށެވެ.
ބައެއް މީހުން ބުނާ ގޮތުގައި ޝެއިޚް ސުދައިސްގެ ހަގީގީ މިލްކިއްޔާތަކީ މުޅި ދުނިޔެ އިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ލޯތްބާއި ގަދަރާއި އިހުތިރާމެވެ.
ސުދައިސްގެ ތައުލީމް
ޝެއިޚް ސުދައިސް ގުރެޖުއޭޓްވީ 1979 ވަނަ އަހަރު އެއްވަނަ ދަރަޖައިގަ އެވެ. އަދި 1983 ވަނަ އަހަރު ވަނީ ރިޔާޒް ޔުނިވާސިޓީން އިސްލާމިކް ޝަރީއާ އިން ޑިގްރީ ނަންގަވައިފަ އެވެ. އިސްލާމިކް ފަންޑަމެންޓަލްސް އިން، އިމާމް މުހައްމަދު ބިން ސައުދު އިސްލާމިކް ޔުނިވާސިޓީން މާސްޓާސް ހާސިލް ކުރެއްވީ 1987 ވަނަ އަހަރު އެވެ. އަދި އިސްލާމިކް ޝަރީއާ އިން ޕީއެޗްޑީ ނެންގެވީ 1995 ވަނަ އަހަރު އުއްމުލް ގުރާ ޔުނިވާސިޓީންނެވެ. އުމުރުފުޅުން އެންމެ 12 އަހަރުގައި ވަނީ ގުރުއާން ހިތުދަސްކުރައްވައިފަ އެވެ.
ރިޔާޒް ޔުނިވާސިޓީ އާއި އުއްމުލް ގުރާ ޔުނިވާސިޓީގައި ވަނީ އެސިސްޓެންޓް ޕްރޮފެސަރެއްގެ ގޮތުން މަސައްކަތް ކުރައްވައިފަ އެވެ.
ހަރަމްފުޅުގެ އިމާމްކަން ލިބިވަޑައިގަތުން
މައްކާގެ ހަރަމްފުޅުގައި އިމާމުވެ ފުރަތަމަ ނަމާދު ކުރެއްވީ 22 ޝައުބާން 1404 (23 މެއި 1984) ގަ އެވެ. އޭރު އުމުރުފުޅަކީ 24 އަހަރެވެ. ހަރަމްފުޅުގައި ފުރަތަމަ ކުރެއްވީ އަސުރު ނަމާދެވެ. ހަރަމްފުޅުގައި ފުރަތަމަ ޚުތުބާ ދެއްވީ ޖުލައި 1984 ގަ އެވެ.
މައްކާ އާއި މަދީނާގެ ހަރަމްފުޅުގެ އެންމެ އިސް އިމާމުގެ ގޮތުގައި ސުދައިސް ހަމަޖެއްސެވީ 8 މެއި 2012 ގަ އެވެ. އެއީ މިނިސްޓަރުންގެ ފެންވަރުގެ މަގާމެކެވެ. ހަރަމްފުޅުގެ އިމާމުކަމުގައި ސުދައިސް މިހާރު އެ ވަނީ 40 އަހަރު ފުރިހަމަ ކުރައްވައިފަ އެވެ. ހަރަމްފުޅުގައި ރޯދަ މަހު އިމާމްވެ ތަރާވީހް ނަމާދާއި ދަމު ނަމާދު ކުރައްވާ އިރު ސުދައިސް ވިދާޅުވާ ދުއާ އިން އެތައް ބަޔަކަށް އަސަރު ކުރުވަ އެވެ.
ބުނެވޭ ގޮތުގައި ސުދައިސްގެ ޅަ އުމުރުފުޅުގައި އެމަނިކުފާނުގެ މަންމާފުޅު ވަނީ "ދެހަރަމްފުޅުގެ އިމާމެއްގެ ގޮތުގައި ސުދައިސް ލައްވާތޯ މާތްﷲ އަށް ދުއާ ދަންނަވައިފަ" އެވެ. ސުދައިސް ގަބޫލްކުރައްވާ ގޮތުގައި ދެ ހަރަމްފުޅުގެ އިމާމްކަން ލިބިވަޑައިގަތުގެ އެއް ސިއްރަކީ މަންމާފުޅުގެ ދުއާ އެވެ.
ސުދައިސްގެ ނުވަ ބޭފުޅުން
ޝެއިޚް ސުދައިސް އަށް ނުވަ ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. އެއީ ހަތަރު ފިރިހެން ބޭފުޅުންނާއި ފަސް އަންހެން ބޭފުޅުންނެވެ.
ނުވަ ބޭފުޅުންގެ ނަން ތިރީގައި އެވަނީ އެވެ.
- އަބްދުލް އަޒީޒް އިބްނު އަބްދުއްރަހުމާން އަލް ސުދައިސް
- އަބްދުﷲ އިބްނު އަބްދުއްރަހުމާން އަލް ސުދައިސް
- ސުހައިބް އިބްނު އަބްދުއްރަހުމާން އަލް ސުދައިސް
- ބަކްރު އިބްނު އަބްދުއްރަހުމާން އަލް ސުދައިސް
- ޒައިނަބް ބިންތު އަބްދުއްރަހުމާން އަލް ސުދައިސް
- އުމައިމާ ބިންތު އަބްދުއްރަހުމާން އަލް ސުދައިސް
- ސުމައްޔާ ބިންތު އަބްދުއްރަހުމާން އަލް ސުދައިސް
- މަލިކާ ބިންތު އަބްދުއްރަހުމާން އަލް ސުދައިސް
- ނުސައިބާ ބިންތު އަބްދުއްރަހުމާން އަލް ސުދައިސް