ބްލެކްމެއިލް މައްސަލައެއްގައި ހައްޔަރު ކުރި ދިވެހި ދެ ފިރިހެނެއްގެ ފޯނުގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ހުރިކަން ފަޅާ އަރައިފި އެވެ.

ބްލެކްމެއިލް މައްސަލައެއްގައި ހައްޔަރު ކުރީ އުމުރުން 30 އަހަރާއި 33 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުކޮށްފަ އެވެ.

ބަންދު އަމުރުގައިވާ ގޮތުން އެ ދެ ފިރިހެނުންނަކީ ކުށުގެ ރިކޯޑު ވެސް އޮންނަ ދެ މީހުންނެވެ. އޭގައިވާ ގޮތުން ބެލްކްމެއިލް ކުރުމުގެ އިތުރުން، ފޭރުމާއި ބިރުދެއްކުމުގެ ތުހުމަތު ވެސް އެ މީހުންނަށް ފުލުހުން ކުރެ އެވެ.

އެ ދެ މީހުންގެ ކޯޓު އަމުރުގައި ބުނީ އެ ތަނުން މީހެއްގެ އަތުން ފޯނެއް ފެނުނު އިރު، ގިނަ ބައެއްގެ ބަރަހަނާ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯ އެ ފޯނުން ފެނިފައިވާ ކަމަށެވެ.

ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރީ މިއީ ރާވައި އިންތިޒާމްވެގެން ހިންގާފައިވާ އަމަލަކަށްވުމުންނާއި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށެވެ.