ކޮވިޑް ޖެހިގެން ފަރުވާދެމުން ދަނިކޮށް އަނެއްކާ ވެސް މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ، ރޭ 1:04 ގައި މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ އުމުރުން 63 އަހަރުގެ އަންހެނެއް ކަމަށެވެ.

ރޭގެ މަރާއެކު ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 59 އަކަށް އަރާފަ އެވެ.

ފެބްރުއަރީ މަސް ފެށުނު ފަހުން ކޮވިޑް ޖެހިގެން ރާއްޖޭގައި ޖުމްލަ ހަތް މީހަކު ވަނީ މަރުވެފަ އެވެ. އެއީ އުމުރުން 59 އަހަރުގެ އަންހެނަކާއި، 78 އަހަރުގެ އަންހެނަކާއި، 77 އަހަރުގެ ފިރިހެނަކާއި، 60 އަހަރުގެ އަންހެނަކާއި، 84 އަހަރުގެ ފިރިހެނަކާއި، 70 އަހަރުގެ ފިރިހެނެއްގެ އިތުރުން ރޭ ނިޔާވި 63 އަހަރުގެ އަންހެން މީހާ އެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު އިއްޔެ އެކަނިވެސް 116 މީހުންވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި ރާއްޖެ ތެރޭގައި މީހުން އުޅޭ ރަށްތަކުން މީހުން ޕޮޒިޓިވްވާ މިންވަރު އިތުރުއިރު، އައްޑޫ، ފުވައްމުލައް، ގދ. ތިނަދޫ، އަދި ގދ ގައްދޫގައި ވެސް އެކްޓިވް ކޭސް މިވަގުތު އެބަތިއްބެވެ.

ބަލީގެ ނުރައްކާ ބޮޑު މީހުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ރާއްޖޭގައި މިހާރު ހަލުވިކޮށް ކުރިއަށްދެ އެވެ. މިގޮތުން އިއްޔެ އެކަނި ރާއްޖޭގައި 7،818 މީހުންނަށް ކޮވިޑް ވެކްސިން ދީފައިވާއިރު ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ 64،048 އެވެ.