ރައްޔިތުންގެ މަޖިލިހުގެ 20 ވަނަ ދައުރުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާގެ ރިޔާސަތު މަޖިލިހުގެ ދ. މީދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ސިޔާމް ބަލަހައްޓަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ވިހި ވަނަ މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުން ހުވާ ކުރެއްވުން އޮންނާނީ އަންނަ އަންގާރަ ދުވަހު ހެނދުނު 9:00 ގަ އެވެ. އަދި މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރުން އޮންނާނީ އެ ދުވަހު ހެނދުނު 10:15 ގަ އެވެ.

މަޖިލީހުގެ ރައީސާއި ނައިބު ހޮވުމުގެ ޖަލްސާގެ ރިޔާސަތު ސިޔާމް ބަލަހައްޓަވަނީ އޭނާއަކީ މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން އެންމެ ދުވަސްވީ މެމްބަރަށް ވާތީ އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރެވެން ދެން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބަވާ މެމްބަރުންގެ ތެރެއިން މަޖިލީހުގެ މެމްބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ. ސިޔާމް މިހާތަނަށް އައިއިރު ހަތަރު ދައުރު (20 އަހަރު) މަޖިލިހުގައި ހިދުމަތް ކުރައްވާފައިވެ އެވެ. އޭނާ އިންތިހާބުވެވަޑައިގެންފައި މިވަނީ ފަސް ވަނަ ދައުރަކަށެވެ.

ވިހި ވަނަ މަޖިލިހުގެ ސުޕާ މެޖޯރިޓީ ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން ވަނީ ހޯދައިފަ އެވެ. މިދިޔަ 21 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީ އާއި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނާ އެކުގައި ޖުމްލަ 70 ގޮނޑި ނެގި އެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުވެވަޑައިގެންނެވި ނުވަ މެމްބަރަކު ފަހުން ޕީއެންސީއާ ގުޅިވަޑައިގެންނެވި އެވެ.

މިއާ އެކު، ޕީއެންސީ އާއި އެ ޕާޓީ އަށް ތާއީދު ކުރައްވާ މެމްބަރުންގެ އަދަދު 79 އަށް އަރަ އެވެ. މަޖިލިހުގެ 93 ގޮނޑީގެ ތެރެއިން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑި އެވެ.

މިފަހަރުގެ މަޖިލިހުގެ ރައީސަކަށް ވަޑައިގަންނަވާނީ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އަދި މަޖިލިހުގެ ނައިބު ރައީސް ކަމަށް ވަޑައިގަންނަވާނީ ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު، މި ދެ ބޭފުޅުންގެ ނަން ފުޅު ހުށަހެޅުއްވުމުން ޕާލަމެންޓްރީ ގްރޫޕުން އެގޮތަށް ވަނީ ފާސްކޮށްފަ އެވެ.