އާޓިފިޝަލް އިންޓެލިޖެންސް ޕްރޮގްރާމެއް ކަމަށްވާ އޯޕަން އޭއައި އިން ސްކާލެޓް ޖޮހަންސަންގެ އަޑު ކޮޕީ ކުރުމުން އޭނާ ރުޅަގަދަވެއްޖެ އެވެ، ސްކާލެންޓް އާންމުކޮށްފައިވާ ސްޓޭޓްމެންޓެއްގައި ބުނެފައިވާ ގޮތުގައި އޯޕަން އޭއައިގެ ސީއީއޯ ވަނީ މީގެ ނުވަ މަސް ކުރިން އެ އޭއައިގެ "ސްކައި"ގެ އަޑު ސްކާލެޓް އަޅާދިނުމަށް ހުށަހަޅާފަ އެވެ. ނަމަވެސް ސްކާލެޓް ވަނީ އިންކާރުކޮށްފަ އެވެ.

ނުވަ މަސް ފަހުން "ސްކައި"ގެ އަޑު ލޯންޗް ކުރިއިރު އޭގައި ބޭނުންކޮށްފައިވާ އަޑު ސްކާލެޓްގެ އަޑާ އެެއްވައްތަރެވެ.

ކުންފުނީގެ ފަރާތުން ސީއީއޯ ސޭމް އޯލްޓްމެން ބުނެފައި ވަނީ "ސްކައި"ގެ އަޑު ސްކާލެޓްގެ އަޑާ ވައްތަރީ އިއްތިފާގުން ކަމަށެވެ. އެއީ އެހެން މީހެއްގެ އަޑުކަމަށް ބުނެފަ އެވެ. ނަމަވެސް އެއީ ކާކުކަން ކުންފުނިން ބުނެފައެއް ނުވެ އެވެ.

ސްކާލެޓްގެ ލޯޔަރުން ވަނީ އޯޕަން އޭއައި އިން މި އަޑު އުފެއްދި ގޮތުގެ ތަފްސީލު ދިނުމަށް އެދިފަ އެވެ. ނަމަވެސް އެ ކުންފުނިން އޭގެ ތަފްސީލު ދިނުމަށް ވަނީ އިންކާރުކޮށްފަ އެވެ.

މައްސަލައާ ގުޅިގެން ސްކާލެޓް ނެރުނު ސްޓޭޓްމެންޓްގައި އޭނާވަނީ މި ފަދަ މައްސަލަ ހައްލުކުރަން އެމެރިކާގެ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ގޮވާލާފަ އެވެ.