ރާއްޖެއިން މިހާރު އީޔޫއަށް އެކްސްޕޯޓުކުރާ މަހުގެ 50 ޕަސެންޓްގެ އެންސިސްގެ މަސް ކަމަށް މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެންސިސްއަށް 19 އަހަރު ފުރުމުގެ މުނާސަބަތުގައި އާންމުކުރި މެސެޖުގައި ވަސީމް ވިދާޅުވީ، ރާއްޖެއިން އީޔޫއަށް އެކްސްޕޯޓުކުރާ މަހުގެ މާކެޓުގެ 50 އިންސައްތަ ހިއްސާގެ ވެރިފަރާތަކީ އެންސިސްކަން ފަޚުރުވެރިކަމާއެކު ބުނާ ކަމަށެވެ. އަދި އެންސިސްއިން މަހެއްގެ މައްޗަށް ގާތްގަނޑަކަށް 300 މެޓްރިކް ޓަނުގެ މަސް އީޔޫއަށް އެކްސްޕޯޓްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަސީމް ވިދާޅުވީ އެންސިސްއިން 5،000 އަށްވުރެ ގިނަ މަސްވެރިންނާއެކު މަސައްކަތްކޮށް އެ މީހުންނަށް މަސްކިރޭނެ ގޮތް ހަމަޖައްސައި، މަސް ފިނިކުރުމަށް ބޭނުންވާ އައިސް އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ދެމެހެއްޓެނިވި މަސްވެރިކަމުގެ ނިޒާމެއްގެ ދަށުން ރާއްޖޭގައި ބާނާ މަސް ދުނިޔޭގެ މާކެޓުގައި ޕްރޮމޯޓުކުރުމަށް އެންސިސްއިން އެހީވެދީފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އެންސިސްއިން އެކްސްޕޯޓުކުރާ މަހަކީ އީޔޫ އަދީ އެމެރިކާގައި ވެސް އިތުބާރު ހިފޭ، ފެންވަރު ރަނގަޅު އުފެއްދުންތަކެއް ކަން ވަސީމްގެ މެސެޖުގައި ފާހަގަކުރެއްވި އެވެ.
ވަސީމްވަނީ އެކުންފުންޏަށް 19 އަހަރު ފުރި، މަންޒިލާ ހަމައަށް ވާސިލުވެވުނުއިރު އެ ކުންފުނީގެ ފައުންޑިން ޑިރެކްޓަރުން ކަމަށްވާ އަބްދުﷲ ސައީދާއި އަބްދުﷲ ވާހިދު ތައުފީގަށް އެ ބޭފުޅުން ދެއްވި އެއްބާރުލުމާއި އެކުވެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ.
"އަޅުގަނޑާއެކު މިކުންފުނި އުފެއްދި ޑިރެކްޓަރުން ކަމަށްވާ އަބްދުﷲ ސައީދަށާއި އަބްދުލް ވާހިދު ތައުފީގަށް މިފުރުސަތުގައި ދަންނަވަން ހުރި ޝުކުރުގެ ބަސްތަކަށް ނިމުމެއް ނެތް. މިއަދު އަޅުގަނޑުމެންގެ ކުންފުނި މިހާވަރަށް ފުޅާވެ، 19 ވަނަ އަހަރީ ދުވަހާ ހަމައަށް އާދެވުމުގެ އަސްލަކީ އެ ދެބޭފުޅުންގެ ފަރާތުން ލިބުނު ބަދަލެއް ނުވާ އެއްބާރުލުމާއި ގާތް އެކުވެރިކަން،" ވަސީމް ވިދާޅުވި އެވެ.
އެ މެސެޖުގައި ކޮވިޑްގެ މިހާލަތުގައި ވެސް އެ ކުންފުނީގެ މުވައްޒަފުންކުރާ ބުރަ މަސައްކަތް ފާހަގަކޮށް ހުރިހާ މުވައްޒަފުންނަށް ވަސީމް ވަނީ ޝުކުރުއަދާ ކުރައްވާފަ އެވެ.