އިޒްރޭލު ސިފައިން ޣާޒާގެ ރަފާހުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅެން ހާއްސަކޮށްފައިވާ ސޭފް ޒޯނެއްގައި ހުންނަ ޓެންޓް ކޭމްޕަށް ރޭ ބޮން އަޅައި ފަލަސްތީނުގެ 35 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ހަމަލާ ދުނިޔޭގެ އެކިކަންކޮޅުތަކުން އަންނަނީ ކުށްވެރިކުރަމުންނެވެ. އަދި މި ހަމަލާ ސިފަކުރަނީ "ގަތުލު އާއްމެެއް" ގެ ގޮތުގަ އެވެ.

ޣައްޒާގައި ތިބި އަލްޖަޒީރާގެ ނޫސްވެރިން ބުނީ އެ މީހުންނަށް އެނގިފައިވާ ގޮތުގައި، ގެދޮރު ގެއްލުނު މީހުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ވަގުތީ ޓެންޓު ސަރަހައްދުގައި ހުންނަ ޔޫއެންއާރްޑަބްލިއުއޭ ފެސިލިޓީއެއްގެ ކައިރިީގަ އެވެ. އާންމު ގޮތެއްގައި އދ.ގެ ދިދަ ހުންނަ ތަންތަނަކީ އާންމުންނަށް ރައްކާތެރި ތަންތަނެވެ. ނަމަވެސް އިޒްރޭލުން އަމަލު ކުރަނީ އާދައިގެ ދައުލަތަކުން ކަންތައް ކުރާ ގޮތަކަށް ނޫން ކަމަށް އެ ނޫސްވެރިޔާ ބުންޏެވެ.

ފަލަސްތީނުގެ އޮފިޝަލުން ބުނާ ގޮތުގައި ތަލް އައްސުލްތާން ސަރަހައްދަށް ހަމަލާ ދީފައި މިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލު ސިފައިން ޖަބަލިއާ، ނުސީރަތު އަދި ޣައްޒާ ސިޓީ ފަދަ ސަރަހައްދުތަކުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުން ދިރިއުޅޭ ހިޔާތަކަށް ވެސް ބޮން އަޅައި، އިތުރު 160 މީހުން ޝަހީދުކޮށްލާފައިވާ ދަނޑިވަޅެއްގަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ހަމާސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް "ޕްރިސިޝަން ހަތިޔާރު" ބޭނުންކޮށްގެން ހަމަލާ ދިންކަން ކަށަވަރުކޮށްދީފަ އެވެ. އަދި އެ ހަމަލާއާއެކު އަލިފާނުގެ ހާދިސާއެއް ހިނގައި ގިނަ އަދަދެއްގެ އާންމުންނަށް އަނިޔާވި ކަމަށް އިއުތިރާފުވެ، އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް އިޒްރޭލްގެ އަސްކަރިއްޔާއިން ބުންޏެވެ.

ޔޫއެންއާރްޑަބްލިއުއޭއަކީ ހަމާސްގެ ފްރަންޓެއް ކަމަށް ބުނެ، އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ އިޒްރޭލުގެ މަންދޫބުގެ އިތުރުން އެ ގައުމުގެ ތިއްބެވި އިސް އޮފިޝަލުން ތަކުރާރުކޮށް ހަމަލާތަކާއި ބަހުގެ ހަމަލާތައް ދެމުން ގެންދެ އެވެ. އަދި އެކަމުގެ ސަބަބުން ޔޫއެންއާރުޑަބްލިއުއޭއަށް ވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފަ އެވެ. ޔޫއެންއާރުޑަބްލިއުއޭގެ ގިނަ ސްކޫލްތަކާއި ސިއްހީ މަރުކަޒުތަކާއި ހިޔާވަހިކަމުގެ ތަންތަނަށް އިޒްރޭލުން ވަނީ ބޮން އަޅާފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 35،984 މީހުން ޝަހީދުވެ، 80،643 މީހުން ވަނީ ޒަޚަމްވެ ފައެވެ. އެ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު އުޅެނީ 1،139 ގަ އެވެ. އަދި އޭގެ ފަހުން ހަމާސް އިން އެތައް ބަޔަކު ހައްޔަރުކޮށްގެން އެބަ ގެންގުޅެ އެވެ.