ޓްވިމްބްޓް އެވޯޑްސްގެ "ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔާ" ގެ އެވޯޑް އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

ސިންގަޕޫރުގައި މިމަހުގެ 28 ގައި ބޭއްވި "ސްމޯލް މާކެޓް ޓެލްކޯ އޮފް ދަ އިޔާ"އަށް ނޮމިނޭޓްވި ތިން ކުންފުންޏަކީ އުރީދޫ މޯލްޑިވްސް، ދިރާގު، އަދި ބްރޫނާއީގެ ޑީއެސްޓީ އެވެ.

މި އެވޯޑް ލިބުމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ޓްވިބިޓް ޓެލެކޮމް އެވޯޑްސް 2024 ގައި "ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔާ" އެވޯޑް ލިބުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"މިއީ މިކާމިޔާބީ އަށް މަގުފަހިކޮށްދިން އަޅުގަނޑުމެންގެ ޓީމްގެ ހިތްވަރާއި ބުރަ މަސައްކަތުގެ ހެއްކެއް. މިކާމިޔާބީގެ ފަހަތުގައި ތިބި ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މި ކާމިޔާބީ ފާހަގަކުރަމުންދާއިރު، ކުރިއަށް އޮތްތަނުގައިވެސް އީޖާދީ، ފެންވަރު ރަގަޅު ޚިދުމަތް ދިނުމުގައި އުރީދޫ މޯލްޑިވްސްއިން ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" އޭނާ ވިދާޅުވި އެވެ.

މި އެވޯޑްސްގައި އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ބޮޑެތި ޓެލްކޯއަދި ޓެކް ކުންފުނިތަކުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ބާރްތީ އެއާޓެލް، ސިންގްޓެލް، ސްޓާހަބް، ރަކުޓެން މޮބައިލް ޖަޕާން، ރިލަޔަންސް ޖިއޯ، އިންޑޯސެޓް އުރީދޫ ހަޗިސަން، ޗައިނާ މޮބައިލް ފަދަ ކުންފުނިތައް ހިމެނެ އެވެ.

ޓެލެކޮމް އިނޮވޭޓަރުންނަށް ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ޓްވިމްބިޓް ޓެލެކޮމް އެވޯޑްސްއިން ވަނީ 23 ކެޓަގަރީއަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ޓެލްކޯ އޮފް ދަ އިޔާ، ޓެލްކޯ ޓު ޓެކްކޯ އޮފް ދަ އިޔާ ފަދަ ދާއިރާތަކުން ފާހަގަކޮށްލެވޭ ކުންފުނިތަކަށް ޝަރަފުވެރި އެވޯޑް ހަވާލުކޮށްފަ އެވެ.

މި އެވޯޑުގެ ސްޓްރެޓީޖިކް ޕާޓްނަރަކީ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމުގައި މަޝްހޫރު ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ އެފް5 އެވެ. މި ޕްރޮގްރާމުގެ މީޑިއާ ޕާޓްނަރަކީ ޑީއެންއޭ އެވެ.

އެވޯޑް ހަފްލާގައި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދި ކުންފުނިތަކުގެ ތެރޭގައި އެސްކޭޓީ، ރިލަޔަންސް ޖިއޯ، ޕީސީސީޑަބްލިއު، ޓެލްސްޓްރާ، އޮޕްޓަސް، ބާރްތީ އެއާޓެލް، އުރީދޫ މޯލްޑިވްސް ހިމެނެ އެވެ. މިކުންފުނިތަކަށް މި ލިބުނު ކާމިޔާބީއަކީ މުވާސަލާތީ ދާއިރާގައި މިކުންފުނިތަކުން ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތަކީ މިރީޖަންގައި ތައުރީފު ހައްގު ޚިދުމަތެއް ކަން ޔަގީންވާ ކާމިޔާބީއެކެވެ.