ފްރޭންކްފާޓް (20 ފެބްރުއަރީ) - ކޮވިޑަށް އެމެރިކާގެ ފައިޒާ އަދި ޖަރުމަނުގެ ބަޔޯ އެއް ޓެކުން އުފެއްދި ވެކްސިން ރައްކާކުރެވޭނެ ފިނިހޫނުމިން ދަށްކުރުމަށް އެކުންފުނިން އެދިއްޖެ އެވެ.

ފައިޒާ އަދި ބަޔޯ އެން ޓެކުން ވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އަށް އެކުންފުނިން ކުރިއަށް ގެންދިޔަ ރިސާޗްތަކުގެ މައުލޫމާތު ހުށަހަޅާފަ އެވެ. މީގެ ތެރޭގައި އެކުންފުނިން އުފެއްދި ވެކްސިން އެއްތަނުން އަނެއްތަނަށް އުފުލުމަށާއި ރައްކާކޮށްފައި ބެހެއްޓުމަށް ކުރިން އަންގާފައިވާ ފިނިހޫނުމިން ބަދަލުކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.

ބަޔޯ އެން ޓެކްގެ ޗީފް އެގްޒެކެޓިވް އުގުރު ސަހިން ވެސް މިކަން ޔަގީންކޮށް ދެއްވާފަ އެވެ.

ސަހިން ވިދާޅުވި ގޮތުގައި އެކުންފުނިން ހުށަހެޅި ޑޭޓާތަކުން މިހާރު ވެކްސިން ގެންގުޅުމަށް ފުރިހަމަވާން ޖެހޭ ކަންތައްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އަލަށް ހުށަހެޅި ޑޭޓާތަކުގައި މި ވެކްސިން 25- ޑިގްރީ އާއި 15- ޑިގްރީ ސެލްސިއަސްގައިގެ މިންގަނޑެއްގައި ދެ ހަފްތާވަންދެން ބެހެއްޓޭނެ އެވެ.

ފައިޒާ އަދި ބަޔޯ އެން ޓެކުން އުފެއްދި ވެކްސިނަކީ ކޮވިޑާ ދެކޮޅަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ ދަށް ފިނިހޫނުމިނުގައި ބަހައްޓަން ޖެހޭ ވެކްސިނެވެ. މި ވެކްސިން ބެހެއްޓުމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑަކީ 70- ޑިގްރީ ސެލްސިއަސް އެވެ.

މި ފިނުހޫނުމިނަކީ އާންމުކޮށް ހޮސްފިޓަލްތަކާއި ވެކްސިން ރައްކާކުރާ ކޯލްޑް ސްޓޯރޭޖްތަކުގައި ހުންނަ ފިނިހޫނުމިނެއް ނޫނެ އެވެ. އެހެންކަމުން ފައިޒާ ވެކްސިން ބޭނުންކުރުމާއި ރައްކާކުރުމަށް އަދި އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ގައުމުތަކުން މިކަމަށް ހާއްސަކޮށް އުފައްދާފައިވާ ފްރީޒަރުތަކެއް ގެންގުޅެން ޖެހެ އެވެ. މިކަމުގެ ސަބަބުން ބޮޑެތި ހޭދަތަށް ކުރަންޖެހެ އެވެ.

އެފްޑީއޭ އިން ފައިޒާ އަދި ބަޔޯ އެން ޓެކްގެ ވެކްސިން ރައްކާކުރުމުގެ ފިނިހޫނުމިން ބަދަލުކުރުމަށް ހުއްދަދީފިނަމަ މިކަމުގެ ސަބަބުން ވެކްސިން ބޭނުންކުރުމުގައި އެތަކަށް ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އަދި ދުނިޔޭގެ ފަގީރު ގައުމުތަކަށް ވެސް މިވެކްސިން ފޯރުކޮށްދިނުމަށް ކުރިން ހުރި ގޮންޖެހުންތައް ނެތިގެންދާނެ އެވެ. – ސްޓްރެއިޓް ޓައިމްސް