ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދާ ގަތުލުއާންމުތަކާ ގުޅިގެން އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން މާލޭގައި ބާއްވާ ބޮޑު އެއްވުން މިއަދު ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

"ރަފަހް އަނދަނީ" ނަމުގައި ބާއްވާ މި އެއްވުން އޮންނާނީ މިއަދު ހަވީރު 4:00 ގައި އާޓިފިޝަލް ބީޗުގަ އެވެ.

އިސްރާ އެސޯސިއޭޝަނުން އިސް ނަގައިގެން ބައެއް ޖަމިއްޔާތަކާ ގުޅިގެން ބާއްވާ މި އެއްވުމުގައި ބައިވެރިވުމަށް އިސްރާ އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ.

އިސްރާ އެސޯސިއޭޝަނުން ބުނި ގޮތުގައި މި އިވެންޓަކީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބިކަން ހާމަކުރުމަށް ބާއްވާ އެއްވުމެކެވެ.

މިދިޔަ އޮކްޓޯބަރު މަހު އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ފެށި ގަތުލުއާންމުގައި 36،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެ އެވެ. އޭގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އެ އުދުވާނީ ހަމަލާތަކުގެ ސަބަބުން 80،000 އަށްވުރެ ގިނަ މީހުން ޒަހަމްވެ ބަލި ހާލަތުގައި އަދިވެސް އެބަތިއްބެވެ. އަދި 10،000 އަށްވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.