ސްކޮޓްލެންޑުގެ ދެބެން ކަމަށްވާ އަބްދުއްރަހުމާން އާއި ރީހާން ވަނީ އެޕްރީލް 1 ވަނަ ދުވަހު ބައިސްކަލްގައި ހައްޖު ދަތުރެއް އެޑިންބަރާ އިން ފަށާފައި. އެ ދަތުރުގައި 13 ގައުމެއް ހުރަސްކޮށް 3،635 މޭލު ދަތުރުކޮށް އެ ދެބެން އިއްޔެ ވަނީ މަދީނާ އަށް ވާސިލްވެފައި. ހިލޭ ސާބަހަށް މަސައްކަތްކުރާ ދެބެންގެ ބައިސްކަލް ދަތުރުގެ ބޭނުމަކީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ފައިސާ އެއްކޮށްދިނުން.

މަދީނާ (ޖޫން 1) - މި އަހަރުގެ ހައްޖަށް ގައުމުތަކުން މީހުން ސައުދީ އަރަބިއާ އަށް ދަތުރުކުރަމުންދާ އިރު ސްކޮޓްލޭންޑުގެ ދެބެން ހައްޖުގެ އަޅުކަމަށް ބައިސްކަލްގައި ސައުދީ އަށް ހިނގައްޖެ އެވެ.

ސްކޮޓްލޭންޑުގެ ދެބެން ކަމަށްވާ އަބްދުއްރަހުމާން، 34، އާއި އޭނާގެ ކޮއްކޮ ރީހާން އަލީ 29، ބައިސްކަލްގައި ހައްޖު ދަތުރު ފެށީ އެޕްރީލް 1 ވަނަ ދުވަހު އެވެ. އެޑިންބަރާގައި ވޮލަންޓިއާ މަސައްކަތުގައި އުޅޭ ދެބެންގެ މި ދަތުރުގެ ބޭނުމަކީ ފަލަސްތީނުގެ ގާޒާގައި ހާލުގައި ޖެހިފައިވާ ނިކަމެތި މުސްލިމުންނަށް އެހީވުމަށް ފައިސާ އެއްކުރުމެވެ. އެ މީހުން އުއްމީދުކުރީ "ޕެޑަލް ޓު ހައްޖު" ގެ ނަމުގައި ފެށި ދަތުރުގައި އެތައް ލައްކަ ބަޔަކާ ބައްދަލުވެ އެތައް މިލިއަން ޑޮލަރެއް ފަލަސްތީނުގެ މުސްލިމުންނަށްޓަކައި އެއްކުރެވޭނެ ކަމަށެވެ. މިލިއަނެއްހާ މީހުންނާ ބައްދަލުވެ އޭގެ ތެރޭން ކޮންމެ މީހަކު އެއް ޕައުންޑް ހަދިޔާކުރި ނަމަވެސް އެ ދަތުރުގައި އެ މީހުންނަށް އެއް މިލިއަން ޕައުންޑް ހޯދޭނެ ކަމަށް އުއްމީދު ކުރި އެވެ.

އަބްދުއްރަހުމާން، 34، އާއި ރީހާން، 29، ބައިސްކަލް ދަތުރުގައި ސްކޮޓްލޭންޑުން ނައްޓާލަނީ.

އަބްދުއްރަހުމާން އާއި ރީހާންގެ 60 ދުވަހުގެ، 3،635 މޭލުގެ ދިގު ދަތުރުގައި އެ މީހުން ވަނީ 13 ގައުމެއް ހުރަސްކޮށްފަ އެވެ. އޭގެ ތެރޭގައި ނެދަލޭންޑްސް، ޖަރުމަން، ބަލްގޭރިޔާ، ތުރުކީ އަދި ލުބުނާން ހިމެނެ އެވެ. ސައުދީ އަށް އެމީހުން ވާސިލްވީ އިއްޔެ އެވެ. ފުރަތަމަ މަންޒިލަކީ މަދީނާ އެވެ.

ހިލޭ ސާބަހަށް މަސައްކަތް ކުރަން އަބްދުއްރަހުމާން ފެށީ 2015 ވަނަ އަހަރު އެވެ. އޭރު އޭނާ މަސައްކަތް ކުރީ ސީރިއާގެ ރެފިއުޖީންނަށް އެހީވާ ޗެރިޓީއެއްގަ އެވެ.

އަބްދުއްރަހުމާން، 34، އާއި ރީހާން، 29، ބައިސްކަލް ދަތުރުގައި.

"ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ގިނަ ޗެރިޓީ މަސައްކަތުގައި އުޅެވިއްޖެ. މި ހައްޖު ދަތުރު ބައިސްކަލްގައި ދިއުމަށް ނިންމީ 2019 ވަނަ އަހަރު ލަންޑަނުގެ ޒުވާނުންތަކެއް ވެސް މިފަދަ ގޮތަކަށް ސައުދީއަށް ދިއުމުން، އެކަމުން ހިތްވަރު ލިބިގެން. މީގެ 50-100 އަހަރު ކުރިން މީހުން ހައްޖަށް ދަނީ ފައި މަގުގަ އާއި ބައިސްކަލްގަ އާއި ގެރިގާޑިޔާ ފަދަ ތަކެތީގައި. އަދި ކަނޑު މަގުން ވެސް ހައްޖަށް ދޭ. މިއަދު މަތިންދާ ބޯޓުގައި ފަސޭހަ ދަތުރެއް ކުރި ނަމަވެސް ކުރިން އެކަން ކުރީ ވަރަށް އުނދަގުލުގައި،" އަބްދުއްރަހުމާން ބުންޏެވެ. "މި ދަތުރަށް ޕްލޭންކުރާތާ ދޮޅު އަހަރުވެއްޖެ. ފަސްދޮޅަސް ދުވަހުގެ ދަތުރުގައި ކޮންމެ ދުވަހަކު ވެސް 80 މޭލު ކަވަރުކުރަން ރޭވީ. އެހެންވެ ދަތުރުގެ ކުރިން ބައެއް ތަމްރީނުތައް ވެސް ހެދިން."

އޭނާ ބުނީ ދަތުރު ކުރަން ފުރަތަމަ ރޭވީ އެ މީހުން ކުރާ ހައްޖު ދަތުރެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ފަހުން ނިންމީ އެ ދަތުރުގެ ތެރޭން ގާޒާގެ މުސްލިމުންނަށް ފައިސާ އެއްކޮށްދޭން ކަމަށެވެ.

ރީހާން ބުނީ ފަލަސްތީނުގެ މުސްލިމުންނަށް ޖައްސާފައިވާ މުސީބާތުން އަރައިގަތުމަށް އެހީވުމަކީ ކޮންމެ މުސްލިމަކު ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އޭނާ ބުނީ މިއީ ފިޒިކަލް އަދި މެންޓަލް ދަތުރެއް ކަމަށެވެ.

އަބްދުއްރަހުމާން އާއި ރީހާންގެ "ޕެޑަލް ޓު ހައްޖު" އަށް އޮންލައިންކޮށް އެހީވެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސައިފަ އެވެ. https://www.worldcarefoundation.org/p2h/

އަބްދުއްރަހުމާން، 34، އާއި ރީހާން، 29، ބައިސްކަލް ދަތުރު ކުރަނީ.
އަބްދުއްރަހުމާން، 34، އާއި ރީހާން، 29، ބައިސްކަލް ދަތުރުގައި