މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ބައެއް ކައުންސިލަރުން އެ އިންތިހާބުގައި ކާމިޔާބުކޮށް، މެންބަރު ކަމުގެ ހުވާ ކުރެއްވުމާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އެ ދާއިރާތަކުގެ ބައި- އިލެކްޝަން ބާއްވާނެ ތާރީހުތައް އިއުލާންކޮށްފި އެވެ.

ކައުންސިލަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މަޖިލިސް މެންބަރުކަން ކާމިޔާބު ކުރެއްވީ މާލެ ސިޓީގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ ކައުންސިލަރު އަހްމަދު އައިފާނާއި، މައްޗަންގޮޅި މެދު ދާއިރާގެ ކުރީގެ ކައުންސިލަރު އަހްމަދު ޒަމީރުގެ އިތުރުން ހުޅުމާލެ ދާއިރާގެ ކުރީގެ ކައުންސިލަރު އިބްރާހީމް ޝުޖާއު އާއި ޅ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ޔާސީން އަބްދުﷲ އާއި، ފ. ބިލެތްދޫ ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު އަސްލަމާއި، ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު ދާއޫދު އެވެ.

ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ މި ހުރިހާ ކައުންސިލަރުންގެ ތެރެއިން ޔާސިން އަކީ ނައިފަރު ދާއިރާގެ މެންބަރެވެ. ބިލެތްދޫ ދާއިރާގެ މެންބަރު ކަމުގެ ހުވާ އަސްލަމް ކުރައްވާފައިވާއިރު މުހައްމަދު ދާއޫދަކީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރެވެ.

ހެންވޭރު އުތުރު ދާއިރާގެ މެންބަރުކަން އައިފާން ކުރައްވަމުން ގެންދަވާއިރު ޒަމީރު ހުންނެވީ މައްޗަށްގޮޅި މެދު ދާއިރާގެ މެންބަރު ކަމުގައެވެ. އަދި ޝުޖާއު އަކީ ބާރަށު ދާއިރާގެ މެންބަރެވެ.

މާލޭގެ ދާއިރާތަކާއި އަތޮޅު ތެރެއިން ހުސްވި ގޮނޑިތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ މީހުންނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލަފަ އެވެ. އިންތިހާބުގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖުލައި 20 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00ގެ ނިޔަލަށެވެ.

މި އިންތިހާބު ތަކުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖުލައި 22 ވަނަ ދުވަހު އެވެ.